އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އުފެއްދި ރޯމް ސްޓެޓިއުޓް މުއާހަދާއަށް ރާއްޖޭން މިއަދު އަމަލުކުރަން ފަށައި އެ ކޯޓްގެ ފުރިހަމަ މެމްބަރަކަށް މިއަދު ރާއްޖެ ވެއްޖެ އެވެ.

ރޯމް ސްޓެޓިއުޓް މުއާހަދާގައި ރާއްޖެއިން ސޮއިކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ރޯމް ސްޓެޓިއުޓް އޮފް ދި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް ގައި ރާއްޖެ ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 14 ޖޫން 2011ގަ އެވެ.

އައިސީސީގެ މެމްބަރަކަށް ރާއްޖެ މިވީ އެ ކޯޓްގައި ބައިވެރިވި 118 ވަނަ ގައުމު އަދި ދެކުނު އޭޝިޔާއިން އެ ކޯޓްގައި ބައިވެރިވި ތިން ވަނަ ގައުމުގެ ގޮތުގައެވެ. އެ ކޯޓްގައި ބައިވެރިވެވި ދެކުނު އޭޝިޔާގެ އަނެއް ދެ ގައުމަކީ އަފްޣާނިސްތާނާއި ބަންގުލަދޭހެވެ.

ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ އައިސީސީއަކީ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ހިލާފު ކުށްތަކާއި ގަތުލު އާއްމުތައް ފަދަ ކުށްކުށުގެ ތުހުމަތު ކުރެވިފައިވާ ފަރާތްތަކުގެ ޝަރީއަތް ބޭއްވުމަށް 2002 ވަނަ އަހަރު ގާއިމްކުރި ކޯޓެކެވެ.

ރޯމް ސްޓެޓިއުޓް މުއާހަދާ ތަންފީޒުކުރުމާ ގުޅިގެން މިމަހުގެ ޑިސެމްބަރު މަހު އެމެރިކާގެ ނިއުޔޯކްގައި ބާއްވާ 10 ވަނަ އެސެމްބްލީ އޮފް ސްޓޭޓް ފޯ ދަ ރޯމް ސްޓެޓިއުޓްގައި ރާއްޖެއިން ބައިވެރިވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.