01 Dec 2011, 17:54
ނިއުދިއްލީން: މުހައްމަދު ޝާން
މާދަމާ އިންޑިޔާގެ ވެރިރަށް ދިއްލީގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ފައިނަލް ފަރިތަކުރުންތައް މިއަދު ބާއްވައިފި އެވެ.
މިފަހަރުގެ މުބާރާތަށް ތައްޔަރު ވުމުގެ ގޮތުން ދިވެހި ޓީމް ދިއްލީގައި ވަނީ ޖުމްލަ ތިން ފަރިތަކުރުމެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ދިވެހި ޓީމުގެ ފުރަތަމަ ދެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައި ވަނީ މިފަހަރުގެ މުބާރާތް ކުޅޭ ނެހެރޫ ސްޓޭޑިއަމްއާއި ޖެހިގެން އޮންނަ ފްރެކްޓިސް ފީލްޑް ދަނޑުގައެވެ. ނަމަވެސް ޓީމްގެ އެންމެ ފަހު ތިން ވަނަ ފަރިތަކުރުންތައް މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ދިއްލީގެ އަންބޭޅު ކާރު ސްޓޭޑިއަމްގައެވެ.
މިފަހަރުގެ މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގައި ދިވެހި ޓީމްގެ ފަހު ފަރިތަ ކުރުންތައް މިއަދު ނިއްމާލީ މާދަމާ ނޭޕާލާ ދެކޮޅަށް ކުޅޭ މެޗް ކާމިޔާބު ކުރުމުގެ އަޒުމުގައި ކަމަށް ޓީމްގެ ކެޕްޓަން އަލީ އަޝްފަގް (ދަނގަޑޭ) ބުންނެވެ.
ރާއްޖެ ގަޑިން މާދަމާ 5:30 ނޭޕާލާ ދެކޮޅަށް، ދިވެހި ޓީމް ނުކުންނައިރު، ޓީމްގެ ހުރިހާ ކުޅުންތެރިން ތިބީ 100 ޕަޝަންޓް ފިޓުކޮށެވެ.
ޓީމްގެ މެނޭނަރު އަލީ ވަހީދު (ބަލަކް) ވިދާޅުވީ، މިފަހަރުގެ މުބާރާތަށް ދިވެހި ޓީމް ދިއްލީގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކާމެދު ހިތް ހަމަޖެހޭ ކަމަށާއި ނަމަވެސް މުބާރާތުގެ ފުރަތަމަ މެޗަށް ޓީމް މާދަމާ ނިކުންނާނީ މެޗުން މޮޅުވުމުގެ ފުރިހަމަ ޔަގީން ކަމާއެކު އެވެ.
މިފަހަރުގެ މުބާރާތަށް ތައްޔާރު ވުމަށް ދިވެހި ޓީމް ކުރި ދަތުރު، ނިއްމާލަމުން ޓީމްގެ ކޯޗް މިއަދު ބުނީ، މާދަމާ ޓީމް ނިކުންނާނީ ދިވެހި ސަޕޯޓަރުން ބޭނުން ވާކަހަލަ ރަނގަޅު ނަތީޖާއެއް ހޯދުމުގެ އަޒުމުއި ކަމަށެވެ. އެގޮތުން މިފަހަރުގެ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ދިވެހި ޓީމް ކުރި ހުރިހާ ފަރިތަކުރުންތަކާ މެދު ހިތް ހަމަޖެހޭ ކަމަށް ވެސް އުރުބާނީ ބުންޏެވެ.
އިންޑިޔާ ނެގުމަށް ފަހު ސާފް ޗެމްޕިއަންޝިޕްގެ އެންމެ ވަރުގަދަ ޓީމަކީ ދިވެހިރާއްޖެއެވެ. މިހާތަނަށް ހަތަރު ފަހަރު ފައިނަލް ކުޅެ ރާއްޖެ ވަނީ 2008 ވަނަ އަހަރު ޗެމްޕިއަންކަން ހޯދައިފައެވެ.