ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ލުމަށް ރަޖިސްޓްރީ ވެފައިވާ ރަށް ބަދަލު ކުރަން ވަގު ފޯމްތަކެއް ފުރިކަން ޝަރީއަތަށް ސާބިތުވާކަމަށް ކަނޑައަޅައި އަހަރު ދުވަހަށް ޖަލަށް ލުމަށް ހައިކޯޓުން ހުކުމް ކުރި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މުވައްޒަފުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ސްޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކުރީ އޭސީސީގެ އިންވެސްޓިގޭޝަން އޮފިސަރެއް ކަމަށްވާ ގދ. މަޑަވެލި ކަޝްމީރުވިލާ، އާދަމް ހަލީމް އެ މައްސަލަ އިލްތިމާސް ކުރުމަށް އެ ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ހިންގުމަށްފަހު އިއްޔެ އެވެ.

ދައުލަތުން ހަލީމްގެ މައްޗަށް ދައުވާކުރީ ނ. މިލަދޫ ބައެއްގެ ނަމުގައި އެ މީހުންނަށް ނޭނގި ފޯމްތަކެއް ފުރުމަށްފަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކަމަށް ބުނެއެވެ.

ސްޕްރީމުން ކޯޓުގެ ހަތް ފަނޑިޔާރުން އިއްތިފާގުވެ އިއްޔެ ކުރެއްވި ހުކުމުގައި ބުނެފައި ވަނީ ހަލީމްގެ މައްޗަށް ސާބިތުވާ ކަމަށް ހައިކޯޓުން ހުކުމް ކުރި "ވޯޓުލުމަށް ދަތިކުރުމާއި ހުރަސް އެޅުމުގެ ކުށުގެ ދައުވާ" ސާބިތުނުވާ ކަމަށެވެ.

ދައުވާއަށް ހަލީމް އިންކާރު ކޮށްފައިވާއިރު ކުށް ސާބިތުވެފައިވާ ކަމަށް ކަނޑައަޅާފައި ވަނީ އޭނާގެ ފަރާތުން ކޯޓަށް ހާޒިރުކޮށް ދިނުމަށް އެދުނު ހެކިން ކޯޓަށް ހާޒިރު ނުކޮށްކަމަށް ވެސް ސުޕްރީމް ކޯޓްގެ ހުކުމުގައި ބުނެ އެވެ.

"... އިސްވެ ދިޔަ ޝަރުއީ އަދި ގާނޫނީ ސަބަބުތައް އެހެން ހުރުމާއި އެކު ގދ. މަޑަވެލި ކަޝްމީރު ވިލާ އާދަމް ހަލީމްގެ މައްޗަށް ދިވެހި ރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާގައި އުފުލިފައިވާ ވޯޓު ލުމަށް ދަތިކުރުމާއި ހުރަސް އެޅުމުގެ ކުށުގެ ދައުވާ މި މައްސަލަ ބެއްލެވި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާގު ކަނޑައެޅުމާއި އެކު ދިވެހި ރާއްޖޭގެ ހައިކޯޓުގެ އެ ގަޒިއްޔާގައިވާ ހުކުމް ބާތިލްކޮށް މި ގަޒިއްޔާ ނިންމީމެވެ،" ސުޕްރީމް ކޯޓުގެ އެ ހުކުމްގައި ވެއެވެ.