20 Jan 2020, 12:06
ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް އެމްބާމިންގް ޕްރޮސީޖާ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކާމިޔާބީއާއެކު ކޮށްފި އެވެ.
އެމްބާމިންގްއަކީ މަރުވުމަށް ފަހު، ބޭރަށް ފޮނުވުމަށް ހަށިގަނޑު ހަލާކުވެނުދާނެގޮތަށް ރައްކާތެރިކުރުމަށް ކުރާ ޕްރޮސީޖާއެކެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގައި ފުރަތަމަ އެމްބާމިންގެ ޕްރޮސީޖާ ކޮށްފައި ވަނީ އިއްޔެ އެވެ. ނަމަވެސް ޓްރީ ޓޮޕް ހޮސްޕިޓަލުގެ މޯޗަރީ ހިދުމަތުގެ ދަށުން ރާއްޖޭގައި އެ ހިދުމަތް ތައާރަފްކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހު އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގައި ބައިނަލްއަގުވާމީ ގަވާއިދުތަކާ އެއްހަމައެއްގައި އެ ހިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަނީ ލައިސެންސް ލިބިލައްވާފައިވާ ގާބިލް މީހުން ކަމަށެވެ.
އަދިއެ ހިދުމަތާ އެކު ބައިނަލްއަގުވާމީ ފެންވަރުގެ އެމްބާމްކުރެވިފައިވާ ކަމުގެ ސެޓްފިކެޓެއް އެމްބާމްކުރެވޭ ފަރާތަށް ދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެމްބާމިންގެ ހިދުމަތަކީ ރާއްޖޭގެ އަދި ދުނިޔޭގެ ގަވާއިދުތަކުގެ ދަށުން، ނިޔާވެފައިވާ ފަރާތުގެ ހަށިގަނޑަށް އިހްތިރާމްކޮށް، ގެއްލުން ނުވާނެހެން ނަގަން ޖެހޭ އެންމެހާ ރައްކާތެރި ފިޔަވަޅުތަކާ އެކު ދެވޭ ހިދުމަތެއް ކަމަށެވެ.