އުވާލާފައިވާ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ އެކައުންޓްތަކުގައި ހުރި ހުރިހާ ފައިސާއެއް މޯލްޑިވްސް ޑެފް އެސޯސިއޭޝަންއަށް ޔޫތް މިނިސްޓްރީއިން ދީފި އެވެ.

ޖަމްއިއްޔާތަކުގެ ރެޖިސްޓްރާ އަހުމަދު އިރާޝް މިއަދު "ސަން" އަށް ވިދާޅުވީ، އެމްޑީއެން އުވާލަން ނިންމައި އެ ޖަމްއިއްޔާގެ ދަރަންޏާއި މުދާ އަދި ފައިސާއާ މެދު އަމަލު ކުރާނެ ވަކިގޮތެއް މިނިސްޓްރީއަށް އަންގަން ޖަމްއިއްޔާތަކުގެ ގާނޫނުގައި ބުނާ، 45 ދުވަހުގެ މުއްދަތެއް ޖަމްއިއްޔާއަށް ދިން ކަމަށެވެ. އެހެން ނަމަވެސް އެ މުއްދަތުގައި އެ ޖަމްއިއްޔާއިން އެއްވެސް އެއްޗެއް އަންގާފައި ނުވާތީ، ޖަމްއިއްޔާތަކާ ބެހޭގަވާއިދުގެ 45 ވަނަ މާއްދާގެ ހ. ގެ ދަށުން، އެ ފައިސާ އެހެން މަދަނީ ޖަމްއިއްޔާއަކަށް ދޭން ނިންމީ ކަމަށް ވެސް އިރާޝް ވިދާޅުވި އެވެ.

"ޑެފް އެސޯސިއޭޝަން އަޅުގަނޑުމެންނަށް ފެނުނީ އެންމެ ހަރަކާތްތެރިކޮށް މަސައްކަތް ކުރާ އެއް ޖަމްއިއްޔާއެއްގެ ގޮތުގައި. އަދި އެބޭފުޅުންނަކީ މާލީ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ބޭނުންވާ ބައެއް. އެހެން ވީމާ، އަޅުގަނޑުމެން ނިންމީ އެ ފައިސާ އެ ފަރާތަށް ދޭން،" އިރާޝް ވިދާޅުވި އެވެ.

ޖަމްއިއްޔާތަކާ ބެހޭ ގަވާއިދުގެ 45 ވަނަ މާއްދާގެ ހ. ގައި ބުނަނީ؛ "ޖަމްއިއްޔާއެއް އުވާލަން ނިންމައި ޖަމްއިއްޔާއެއްގެ މުދަލާއި ދަރަންޏާއި މައްސަލަތައް ހަމަޖެއްސުމަށް ދެވޭ މުއްދަތު ހަމަވާއިރު، އެކަން އެ ޖަމްއިއްޔާއަކުން ރަޖިސްޓްރާއަށް ނާންގައިފި ނަމަ، އެ ޖަމްއިއްޔާއެއްގެ މިލްކުގައިވާ އެންމެހާ ތަކެތި ރަޖިސްޓްރާ ކަނޑައަޅާ ޖަމްއިއްޔާއަކަށް ނުވަތަ ސަރުކާރު ގަބޫލު ކުރާ ހައިރާތު ފަންޑަކަށް ބަދަލުކުރަންވާނެ" ކަމަށެވެ.

ޑެފް އެސޯސިއޭޝަނަކީ އަޑުއިވުމުން މަހުރޫމްވެފައިވާ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރުމަށް 2008 ވަނަ އަހަރު އުފެއްދި ޖަމްއިއްޔާއެކެވެ.

އެނގިފައިވާ ގޮތުގައި އެމްޑީއެން އުވާލަން ނިންމުމާ ގުޅިގެން އެ ޖަމްއިއްޔާގެ އެކައުންޓް ހުޅުވާފައިވާ ސްޓޭޓް ބޭންކް އޮފް އިންޑިއާ(އެސްބީއައި)އިން އޮތީ އެ ޖަމާއަތުގެ އެކައުންޓްތައް ފްރީޒްކޮށްފަ އެވެ. އެ ކައުންޓްތަކުގައި ގާތްގަނޑަކަށް 7،000 ޑޮޮލަރު (108،000 ރުފިޔާ) ހުރި ކަމަށް އެނގިފައިވެ އެވެ.

އެ ހުރިހާ ފައިސާ އެއް، ޑެފް އެސޯސިއޭޝަންގެ އެކައުންޓަށް ޖަމާކޮށް ދިނުމަށް ރެޖިސްޓްރާ އިއްޔެ އަންގަވާފައިވާކަން ވެސް ކަށަވަރު ވެފައިވެ އެވެ.

އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަވާ ގޮތަށް ރިޕޯޓެއް އާންމުކުރި މައްސަލައިގައި އެ ޖަމްއިއްޔާގެ ރަޖިސްޓްރީ ބާތިލްކޮށް އެމްޑީއެން އުވާލަން ނިންމީ، މިދިޔަ ނޮވެމްބަރު، 5 ވަނަ ދުވަހު އެވެ. އަދި ގާނޫނުގައި ބުނާ 45 ދުވަހުގެ މުއްދަތު ހަމަވެގެން 19 ޑިސެމްބަރުގައި އެ ޖަމްއިއްޔާ އުވާލިކަން ޔޫތް މިނިސްޓްރީއިން އިއުލާންކުރި އެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާ މިންވަރު ދެނެގަތުމަށް، އެމްޑީއެންއިން 2015 ވަނަ އަހަރު އެކުލަވާލި، "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓްގައި އިސްލާމް ދީނަށް ފުރައްސާރަވާ ފަދަ ވާހަކަތަކެއް ހުރުމުން އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، އެ ޖަމްއިއްޔާ އުވާލަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިދިޔަ އަހަރު މުޒާހަރާކޮށް ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރި އެވެ.

އެމްޑީއެންއިން ބުނެފައި ވަނީ، އެ ޖަމްއިއްޔާ އުވާލަން ނިންމި ނިންމުމަކީ، ޖަމްއިއްޔާތަކުގެ ގާނޫނާ ހިލާފަށް ނިންމި ޣައިރު ގާނޫނީ ނިންމުމެއް ކަމަށެވެ. އަދި އެ ޖަމްއިއްޔާގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ރިޕޯޓްގެ މައްސަލަ ހޫނުވުމާ އެކު އެމްޑީއެންގެ އިސްވެރިން ރާއްޖެ ދޫކޮށް ގޮސް، ދިރިއުޅެމުން ދަނީ މިހާރު ރާއްޖެއިން ބޭރުގަ އެވެ. އެ މީހުން ފުލުހުންގެ ތަހުގީގަށް ހާޒިރުކުރަން މަސައްކަތް ކުރި ނަމަވެސް، އެކަން ކުރެވިފައެއް ނުވެ އެވެ.

އެމްޑީއެންއަކީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ ރާއްޖޭގައި ކުރިއެރުވުމަށް 2006 ވަނަ އަހަރު އުފެއްދި ޖަމްއިއްޔާ އެކެވެ.