ޓްރިޕޮލީ (20 ޖަނަވަރީ 202) : ލީބިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ދާއިމީ ގޮތަކަށް ހުއްޓާލުމަށް ޖަރުމަނުގެ ބާލިންގައި ބޭއްވި ލީބިޔާއާ ބެހޭ ޚާއްސަ ބައްދަލުވުމުން ގޮވާލައިފި އެވެ.

ޖަރުމަނުގެ ޗަންސެލާ އެންގެލާ މާކަލް އިސްނަންގަވައިގެން ބޭއްވި ދެދުވަހުގެ މި ބައްދަލުވުމުގައި ލީބިޔާގައި ހަނގުރާމަކުރާ ދެފަރާތްކަމަށްވާ ޖެނެރަލް ޚަލީފާ ހަފްތަރުގެ ބާރުތަކާއި އދ.ގެ ބެލުމުގެ ދަށުން އެކުލަވާލާފައިވާ ލީބިއާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި އެ ދެ ފަރާތަށް އަސްކަރީ ގޮތުންނާއި މާލީ ގޮތުން ވާގިވެރިވާ ފަރާތްތަކުގެ މަންދޫބުންނާއި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އާއި ޖަރުމަނުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ލީބިޔާއަކީ ޔޫރަޕްގެ ދެކުނުގައި މެޑިޓަރޭނިޔަން ކަނޑުގެ ބޮޑު ސަރަހައްދަކަށް އައްސޭރިވާގޮތަށް ޔޫރަޕާ ވަރަށްގާތުގައި އޮންނަ ސަރަހައްދުގެ ގޮތުން ބޮޑު ގައުމަކަށްވާތީ ލީބިޔާގައި ހިނގާ ހަނގުރާމަ ދިގުލައިގެން ދިޔުމަކީ ޔޫރަޕުން ކަންބޮޑުވާކަމެކެވެ. އަދި ލީބިޔާގައިވާ ތެލާއި ގުދްރަތީ ގޭހުގެ ފައިދާ ނަގަންވެސް ޔޫރަޕުން ބޭނުންވާތީ ޔޫރަޕްގެ ހަމަޖެހުމާއި ޔޫރަޕްގެ ވިޔަފާރިއަށް ލީބިއާއަކީ މުހިއްމު ގައުމެއްކަން އެންގެލާ މާކަލްވަނީ ފާހަގަކުރައްވާފަ އެވެ.

ބާލިންގައި ބޭއްވި ލީބިޔާއާ ބެހޭ ޚާއްސަ ބައްދަލުވުމުން ނިންމުމުގެ ގޮތުން ނެރުނު ގުޅިފައިވާ ބަޔާނުގައި ދާއިމީ ގޮތަކަށް ޙަމަލާތައް ހުއްޓާލުމަށް ލީބިޔާގައި ހަނގުރާމަކުރާ ވާދަވެރި ދެފަރާތުން އެއްބަސްވިކަން ބަޔާން ކޮށްފައިވާއިރު ލީބިޔާގެ މައްސަލަ ހައްލުކުރެވޭނީ ހަމައެކަނި ވާހަކަ ދައްކައިގެންކަމަށް އެދެފަރާތުންނާއި އެދެފަރާތަށް ވާގިވެރިވާ ފަރާތްތަކުން ގަބޫލުކުރާ ކަމަށް ވެސް ބުނެފައިވެ އެވެ. ސުލްހައިގެ ވާހަކަތައް ފެށުމަށް ޓަކައި ޖެނެރަލް ޚަލީފާ ހަފްތަރުގެ ބާރުތަކާއި ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ މަންދޫބުން ހިމެނޭގޮތަށް އދ.ގެ ބެލުމުގެ ދަށުން ކޮމިޓީއެއް އެކުލަވާލުމަށް ވެސް މި ބައްދަލުވުމުން ނެރުނު ބަޔާނުގައި އެއްބަސްވެފައިވެ އެވެ. އަދި ޙަމަލާތައް ދާއިމީ ގޮތަކަށް ހުއްޓާލުމުގެ ކަންތައް ބަލައި މޮނިޓާ ކުރެވޭނެ މެކޭނިޒަމެއް އދ.ގެ ބެލުމުގެ ދަށުން އެކުލަވާލުމަށް ވެސް އެއްބަސްވެފައިވެ އެވެ.

މި މެކޭނިޒަމްގެ ދަށުން ޖެނެރަލް ހަފްތަރުގެ ބާރުތަކުން ފަސް ޖެނެރަލުންނާއި ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ އަސްކަރީ ބާރުތަކުން ފަސް ޖެނެރަލުން ހިމެނޭ ކޮމިޓީއެއް އުފައްދާނެ ކަމަށް ޖަރުމަނުގެ ޗާންސެލާ އެންގެލާ މާކަލް ވިދާޅުވި އެވެ. ޖެނެރަލް ހަފްތަރުގެ ބާރުތަކުން ލީބިޔާގެ ވެރިރަށް ޓްރިޕޮލީ ހިފުމަށް ފަށާފައިވާ ހަނގުރާމައިގާ ޓްރިޕޮލީގެ ވަށައިގެންވާ އަވަށްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ހަފްތަރަށް އަސްކަރީ ގޮތުންނާއި މާއްދީ ގޮތުން އެހީތެރިވާ މައިގަނޑު ދެގައުމަކީ ގަލްފުގެ އަރަބި ގައުމެއް ކަމަށްވާ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އާއި ލީބިޔާގެ އަވަށްޓެރި މިސްރެވެ. ނަމަވެސް ސައޫދީ އަރަބިޔާއާއި ފަރަންސޭސިވިލާތް ވެސް ހަފްތަރުގެ ބާރުތަކަށް ތާއީދުކުރެ އެވެ. އަދި ނުސީދާގޮތެއްގައި އެދެގައުމުގެ މަދަދު ވެސް ލިބޭކަމަށް ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުން ބުނެ އެވެ. ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރަށް އަސްކަރީގޮތުން ވާގިވެރިވަނީ ތުރުކީއާއި ގަތަރެވެ. (ނޫސްއެޖެންސީތައް)