01 Dec 2011, 16:55
އިންޑިއާގެ ވިޔަފާރި ކުންފުނި، ޖީއެމްއާރުން ހިންގާ އިބްރާހީމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ވިއްކާ ޖެޓު ފިއުލްގެ އަގު މި މަހުގެ ތެރޭގައި ހަ ޕަސެންޓް ބޮޑުކޮށް، އަހަރު ދުވަހުގެ ތެރޭގައި އިންޓަނޭޝަނަލް ފްލައިޓްތަކަށް ވިއްކާ ތެލުގެ އަގު 37.49 ޕަސެންޓް ބޮޑުކޮށްފި އެވެ.
ޖީއެމްއާރުން އިއްޔެ ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ މި މަހުން ފެށިގެން އިންޓަނޭޝަލް އޮޕަރޭޝަނަށް ވިއްކާ ޖެޓް ފިއުލް، ވިއްކާނީ ލިޓަރެއް 1.21 ޑޮލަރު ] 18.66 ރުފިޔާ[ އަދި ޑޮމެސްޓިކް އޮޕަރޭޝަނަށް 1.29 ]19.86 ރުފިޔާ[ އަށް ކަމަށެވެ.
އެއީ މިދިޔަ ނޮވެމްބަރު މަހު އިންޓަނޭޝަނަލް އޮޕަރޭޝަނަށް ޖެޓް ފިއުލް ލިޓަރެއް ވިއްކި 1.14 ޑޮލަރަށް ވުރެ 0.07 ސެންޓް އަދި ޑޮމެސްޓިކް އޮޕަރޭޝަނަށް ލިޓަރެއް ވިއްކި އަގަށް ވުރެ، ވެސް 07. ޕަސެންޓް ބޮޑު އަދަދެކެވެ.
ޖީއެމްއާރުން ނޮވެމްބަރު މަހު ޖެޓް ފިއުލް ލިޓަރެއް ވިއްކީ އިންޓަނޭޝަނަލް އޮޕަރޭޝަނަށް 1.14 ޑޮލަރަށް އަދި ޑޮމެސްޓިކް އޮޕަރޭޝަނަށް 1.21 ޑޮލަރަށެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 25 ވަނަ ދުވަހު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ އޮޕަރޭޝަނާ ޖީއެމްއާރުން ހަވާލުވުމަށް ފަހު، ޖެނުއަރީ މަހު އިންޓަނޭޝަނަލް އޮޕަރޭޝަނަށް ޖެޓް ފިއުލް ވިއްކީ ލިޓަރެއް 088. ޑޮލަރަށެވެ. އަދި ޑޮމެސްޓިކް އޮޕަރޭޝަނަށް، އޭރުގެ ޑޮލަރު ރޭޓުން 094 . ޑޮލަރަށެވެ.
އެ ރޭޓްތަކަށް ބަލާ އިރު ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޖެޓް ފިއުލްގެ އަގު ޖީއެމްއާރުން ވަނީ، އިންޓަނޭޝަނަލް އޮޕަރޭޝަނަށް 37 ޕަސެންޓް ބޮޑުކޮށްފަ އެވެ.
ޖީއެމްއާރުގެ މީޑިއާ ކޯޑިނޭޓަރު ވިދާޅުވީ ފިއުލް ޗާޖާސް ބޮޑު ކުރީ ބޭރުން ތެޔޮ ލިބޭ އަގު ބޮޑުވުމުން ކަމަށެވެ.
އައިލޭންޑް އޭވިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ ޖީއެމްއާރުން ވިއްކާ ތެލުގެ އަގު ބޮޑު ކުރުމާ އެކު ސާ ޗާޖު ބޮޑު ކުރާނެެ ކަމަށެވެ.
އެއާޕޯޓު ހިންގާ ޖީއެމްއާރު ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު ހަދާފައިވާ އެގްރީމަންޓްގެ ދަށުން، އެގްރީމަންޓް އޮންނާނީ ޖީއެމްއާރުން ބޭނުން އިރަކު ބޭނުން ވަރަކަށް ތަންތަނާއި ތަކެތީގެ އަގު ބޮޑު ކުރެވޭ ގޮތަށްތޯ ްއަދި ރެގިއުލޭޓަރުގެ ދައުރަކީ ކޮބައިތޯ ދެންނެވުމުން އެކޮނަމިކް މިނިސްޓަރު މަހަމޫދު ރާޒީ މިއަދު ވިދާޅުވީ އާންމު ގޮތެެއްގައި އެގްރީމަންޓް އޮންނާނީ ކަސްޓަމަރުންނާ ވާހަކަ ދައްކައި ނޯޓިފިކޭޝަނަށް ފަހު އަގުތައް ބަދަލުކުރެވޭ ގޮތަށް ކަމަށެވެ.