19 Jan 2020, 16:12
ޖިންސީ ގޯނާ ފަދަ ނުރައްކާތަކަށް ހުށަހެޅިދާނެ ފަދަ ކުދިން ތިބި އާއިލާތައް މޮނިޓާ ކުރަން ފަށަން ހަތް ދުވަސް ޖެންޑާ މިނިސްޓްރީއަށް ދޭން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ނިންމައިފި އެވެ.
ދެކުނުގެ ރަށެއްގައި އުމުުރުން ދެ އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރަން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ރޭ ވަނީ މައްސަލައާ ގުޅުންހުރި މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އެގޮތުން ފުލުހުންނާއި، ޖެންޑާ މިނިސްޓްރީ އާއި ޕީޖީ އޮފީހާއި އަދި ކުއްޖާ ނިސްބަތްވާ ރަށު ކައުންސިލާ ވެސް ކޮމިޓީން ވަނީ ސުވާލުކޮށްފަ އެވެ.
މިއަދު އެކަމުގައި ކޮމިޓީއިން ގޮތެއް ނިންމުމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ މުގަރައްރިރު ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދާއި، ނައިބު މުގައްރިރު ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދާއި، ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީއާއި، މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އަދި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު އެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ކުޑަކުައްޖާގެ މައްސަލައިގައި މިއަދު ބޭއްވި ބައްދަލުވުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން
މިއަދު ކޮމިޓީއިން ނިންމާފައި ވަނީ ހަ ކަމެއް ކުރުމަށެވެ. އެއީ:
ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސް އަލުން ރަނގަޅަށް ބޭނުން ކުރަން ފަށައި އެ ޑޭޓާބޭސް ބޭނުންކުރަން ފަށަން މުއައްސަސާތަކަށް އެއް މަސް ދުވަހުގެ މުހުލަތެއް ދިނުން
- މިހާރު ހުރި ޑޭޓާތައް ބޭނުންކޮށްގެން ހަތް ދުވަސް ތެރޭގައި ހައި ރިސްކު އާއިލާތައް މޮނިޓާ ކުރަން ފެށުން
- ހެއްކާ ބެހޭ ގާނޫނާއި ވިޓްނަސް ޕްރޮޓެކްޝަން ގާނޫނު އަވަސް ކުރަން ހުށަހެޅުން
- ކޯޓުތަކުގައި މައްސަލަތައް ލަސްވާ މައްސަލަ ހައްލު ކުރަން ޖުޑިޝަރީގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށް، މައްސަލަތައް އަވަސް ކުރަން ކުރެވިދާނެ ގޮތްތަކުގެ މައްޗަށް ރިޕޯޓެއް އެކުލަވާލައި، ޖުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ނިންމަން ކޯޓުތަކަށް ވަކި މުހުލަތެއް ދޭނެ ގޮތެއް ހޯދައި، އެކަން ކުރަން ޖެހެނީ ގާނޫނަކުން ނަމަ އެ ގާނޫނަކަށް އިސްލާހު ގެނައުން
- ރަށުގެ މުއައްސަސާތަކުން ކޮންމެ ރަށެއްގައި ތިބި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ރެކޯޑު އޮންނަ މީހުން ހޯދައި 30 ދުވަހުގެ ތެރޭގައި އެ މީހުން މޮނިޓާ ކުރަން ފެށުން
- މިހާރު ކޯޓުތަކުގައި ދޫވެފައި ތިބި މީހުން ދޫވެފައި ތިބި ތިބުމުން ރިވިއުކޮށް އެ މީހުން މިނިޓަރިންއަށް ލުން
- ޗައިލްޑް ޕްރޮޓެކްޝަންގެ މަސައްކަތް ކުރާ ޑިޕާޓްމެންޓުތަކުގެ އޮޑިޓެއް 30 ދުވަހުގެ ތެރޭގައި ހަދަން ފެށުން
މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރު، ހަސަން ޒިޔާއު ވިދާޅުވީ އުމުރުން ދެ އަހަރުނުވާ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ދިރާސާ ކުރުމަށްފަހު، ކޮމިޓީން މިއަދު ނިންމާ ގޮތްތައް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެންގުމުން އެ ނިންމުންތައް ރައީސް ނަޝީދު ތަންފީޒު ކުރައްވާނެ ކަމަށެވެ.
މިއަދު އޮތް ބައްދަލުވުުމުގައި މެމްބަރުން ވަނީ، ޖިންސީ ގޯނާގެ މައްސަލަތަކުގައި ދައުވާކޮށްފައި ތިބި މީހުން ދޫވެފައި ތިބުުމާއި، އެ މީހުން މޮނިޓާ ނުކުރެވުމާއި، މައްސަލަތައް ކޯޓުގައި ދިގުލައިގެން ދިޔުމާއި، ނުރައްކަލުގައި ތިބި ކުދިން ދެނެގަންނަން ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސް ބޭނުން ނުކުރުން ފަަދަ މައްސަލަތައް ފާހަގަކުރައްވައިފަ އެވެ.