19 Jan 2020, 16:12
ފ. ނިލަންދޫ ޔަންގް ޖެނެރޭޝަން އާއި އެ ރަށު ކައުންސިލް ގުޅިގެން އެ ރަށުގައި ހިންގާ ގްރީން ފުޓުބޯޅަ އެކެޑެމީ ރަސްމީކޮށް ލޯންޗުކޮށް މުޅި ރަށަށް ހުޅުވާލައިފި އެވެ.
ގްރީން ފުޓްބޯލް އެކަޑަމީ ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން އަކްރަމް ޢަބްދުލް ޢަނީ އެވެ. މި އަހަރުގެ ފުރަތަމަ ދުވަހު ލޯންޗް ކުރެވިގެން ދިޔަ މި އެކަޑަމީ ފެށިގެން ދިޔައީ 2019 ސެޕްޓެމްބަރު މަހުގައި ނުރަސްމީކޮށް މަދު ކުދިންކޮޅަކާއެކު އެވެ. އެކަމަކު ރަށުގައި މިފަދަ ޙަރަކާތެއް ހިންގާ އިތުރު ފަރާތެއް ނެތުމުން އެކަޑަމީއަށް ގިނަ ޢަދަދެއްގެ ކުދިން ވަންނަން ފެށީ އެވެ.
ނިލަންދޫގެ ގްރީން ފުޓުބޯޅަ އެކެޑެމީ އިފްތިތާހު ކުރުމުގެ ރަސްމިޔާތުގެ ތެރެއިން-
އެކެޑެމީ ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ގްރީން އެކަޑަމީ ނައިޓްގައި ގްރީން ފުޓްބޯލް އެކަޑަމީ ލޯންޗް ކުރެވުނު އިރު އެކެޑެމީގައި 95 މީހުން ވަނީ ބައިވެރިވެފަ އެވެ.
މި އެކަޑަމީގައި ޙަރަކާތްތެރިވަމުން ދަނީ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 10 ކާއި ޕްރީސުކޫލް ދެމެދުގެ ކުދިންނެވެ. އެކަޑަމީގެ ޕްރެކްޓިސްތައް ކުރިޔަށް ގެންދަނީ ތިން ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. އެގޮތުން އަންޑާ 16 ،އަންޑާ 13 ،އަންޑާ 09 އަށް ބަހާލައިގެން ލެސަންތައް ގެންދާއިރު، ޕްރެކްޓިސްތައް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހަވީރު ކުރިޔަށް ދާނެ އެވެ.
ފަސް ކޯޗުންގެ އިރުޝާދާ އެކު އެކެޑެމީގެ ޕްރެކްޓިސްތައް ގެންދަމުންދާ އިރު މި މަހުގެ ތެރޭގައި އެކެޑެމީގެ މުބާރާތެއް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
ނިލަންދޫގެ ގްރީން ފުޓުބޯޅަ އެކެޑެމީ-
ނިލަންދޫގައި މި އެކަޑަމީ ހުޅުވުމުގެ މައިގަނޑު މަޤްޞަދަކީ އަޚްލާޤް ރަނގަޅު މުޖުތަމަޢުއެއް ބިނާކުރުމަށް ބާރު އެޅުމާއި ރަށުގެ ފުޓްބޯޅަ ކުރިއަރުވަން މަސައްކަތްކުރުމުގެ އިތުރުން ކުޅުންތެރިންނަށް ކުޅިވަރުގެ އަޚްލާޤް ދަސްކޮށްދިނުން ކަމަށް އެކެޑެމީ ހިންގާ ޔަންގް ޖަނެރޭޝަނުން މައުލޫމާތު ވަނީ ދީފަ އެވެ.
މީގެ އިތުރުން އެކަޑަމީގެ ނައިޓްގައި 2019 ވަނަ އަހަރު ހޮވި ޕްރޮމިސިން ސްޓާ އަކަށް ހޮވިފައި ވަނީ ލުހާމް ޢަބްދުއްލަޠީފް އެވެ. ގްރީން ސްޓާ އަކަށް ހޮވިފައި ވަނީ މުޙައްމަދު ޝިމްރާން ޢަލީ އެވެ.