19 Jan 2020, 15:00
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިންވަނަ ބުރުގެ މެޗުތައް މިހާރު ފަށާފައިވާ އިރު ގްރީންސްޓްރީޓްސްއާ ދެކޮޅަށް މިރޭ ކުޅޭ މެޗުން މާޒިޔާ މޮޅުވެއްޖެ ނަމަ އެ ޓީމަށް ލީގު ލިބޭނެ އެވެ.
ދިވެހި ޕްރިމިއާ ލީގުގައި މިރޭ ގްރީންސްޓްރީޓްސްއާއި މާޒިޔާ ބައްދަލު ކުރާ މެޗުން މާޒިޔާ މޮޅުވެއްޖެ ނަމަ އެ ޓީމަށް ލީގު ޔަގީންވާނެ އެވެ. ފުރަތަމަ ދެ ބުރު ނިންމާލި އިރު ވެސް އެއްވަނާގައި ބޮޑު ލީޑަކާ އެކު އޮތް މާޒިޔާ މި ވަގުތު އެއް ވަނާގައި އޮތީ 17 މެޗުން 44 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 17 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. ތިން ވަނައިގައި ޓީސީ އޮތީ 17 މެޗުން 31 ޕޮއިންޓާ އެކު އެވެ.
ބަދަލުތަކަކާ އެކު ލީގުގެ ތިންވަނަ ބުރު ފެށި އިރު، ތާވަލު އޮތްގޮތުން މާޒިޔާ އަށް މި ބުރުގައި ފަސް މެޗުން ލީގު ކަށަވަރުކުރަން އެ ޓީމަށް ބޭނުން ވަނީ ފަސް ޕޮއިންޓެވެ. އެކަމަކު ލީގުގައި މިދިޔަ ބުރާސްފަތި ދުވަހު ދެވަނާގައި އޮތް އީގަލްސް އަތުން ޓީސީ މޮޅުވުމުން މާޒިޔާއަށް ވަނީ ފުރުސަތު ބޮޑުވެފަ އެވެ. އެހެންކަމުން މިރޭ ގްރީން ސްޓްރީޓްސް ބަލިކޮށްގެން މާޒިޔާ އަށް ލީގު ޗެމްޕިއަންކަން ހޯދޭނެ އެވެ.
މިއަދު މެޗުގެ ކުރިން މާޒިޔާ އިން އިއްޔެ ކުރިއަށްގެންދިޔަ އެންމެ ފަހުގެ ޓްރެއިނިންގަށް ފަހު އެ ޓީމުގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނީ، މިރޭގެ މެޗަށް ނުކުންނާނީ ގްރީންސްޓްރީޓްސްއަށް އިހުތިރާމްކޮށްގެން ކަމަށެވެ. އެކަމަކު މެޗުން މޮޅުވާން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
"ފޯކައިދޫ މެޗަށް ފަހު ތައްޔާރުވާން ވަގުތު ލިބިއްޖެ. ގްރީންސްޓްރީޓްސް އަކީ ވެސް ތަޖުރިބާކާރު ކުޅުންތެރިންތަކެއް ތިބި މޮޅު ޓީމެއް. އެމީހުން ދަ ގްރާންޑޭ އަތުން އެންމެ ފަހުން މެޗުން ބަލިވީ. އެކަމަކު އެ މެޗުގައި އެ ޓީމުން މޮޅު ކުޅުމެއް ދެއްކި. މައްސަލައަކަށްވީ ގޯލު ނުޖެހުން. އަހަރަމެން މެޗަށް ނުކުންނާނީ އެހުރިހާކަމަކަށް ބަލައި މެޗުން މޮޅުވާން،" ސެކުލޮސްކީ ބުންޏެވެ.
ލީގުގައި މިހާތަނަށް މާޒިޔާ ކުޅުނު 17 މެޗުގެ ތެރެއިން އެ ޓީމު ވަނީ 14 މެޗުން މޮޅުވެފަ އެވެ. ދެ މެޗުން އެއްވަރުވިއިރު، ބަލިވީ އެންމެ މެޗަކުންނެވެ.
މާޒިޔާ އިން ޕްރިމިއާ ލީގު އެންމެ ފަހުން ކާމިޔާބުކުރީ 2016 ވަަނަ އަހަރު އެވެ. އޭގެ ފަހުން އެ ޓީމުން ވަނީ މިހާރުގެ ކޯޗު މަރުޖާން ސެކުލޮސްކީގެ ކޯޗުކަމުގައި 2017 ވަނަ އަހަރުގެ މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.