19 Jan 2020, 14:56
މި މަހުގެ އަށް ވަނަ ދުވަހު ގދ. މަޑަވެލީ ގެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފި އެވެ.
އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެރަށު ނާރެސް ކިޔާ ގޭގަ އެވެ. އެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުލިބުނު ނަމަވެސް، އެ ގޭގެ 80 ޕަސެންޓު އަނދާފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނި ބުނެފަ އެވެ.
އެ އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޑިޒާސްޓާ އިން އަންނަނީ އެ ދުވަހުން ފެށިގެން ރަށު ކައުންސިލާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.
އެގޮތުން މިހާތަނަށް ހާލުގައި ޖެހުނު އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދީފައި ވާއިރު، ހާދިސާ ހިނގި ދުވަހުން ފެށިގެން 10 ދުވަހަށް ކެއުމަށް ބޭނުންވާ ފައިސާ ވެސް ދީފައި ވާނެ ކަމަށް ޑިޒާސްޓާ އިން ބުނެ އެވެ.
ޑިޒާސްޓާއިން ބުނީ އެ ފައިސާ އިތުރު ކުރުމަށް ނިންމާފައިވާ އިރު އާއިލާގެ ފަރާތްތަކަށް ބޭނުންވާނެ އަންނައުނު ހޯދުމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ވެސް ނިންމާފައިވާ ކަމަށް ޑިޒާސްޓާ އިން ބުންޏެވެ.
ހަމައެއާ އެކު އާއިލާގައި ތިބި ސްކޫލް ކުދިން ސްކޫލަށް ދިއުމަށް ބޭނުންވާ އިންތިޒާމުތައް އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އަދި ގެއަށް ލިބުނު ގެއްލުމުގެ އެސެސްމަންޓް މިހާރު ނިމިފައިވާ ކަމަށް ޑިޒާސްޓާ އިން ބުންޏެވެ. ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ.
އެ ގޭގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެ އެވެ.