ޖެންޑާ މިނިސްޓްރީއިން އަތޮޅު ތެރޭގައި ގާއިމުކޮށްފައި ހުންނަ ސެންޓަރުތަކުގެ ތެރެއިން ގއ. އަތުޅުގައި ގާއިމުކޮށްފައި ހުންނަ ސެންޓަރުގައި އެ މިނިސްޓްރީގެ މުވައްޒަފަކު ހުންނަކަން "ސަން"އަށް އެނގިއްޖެއެވެ.

ދެކުނުގެ ރަށެއްގައި ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕް ކުރި މައްސަލައިގައި ރޭ ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވީ، ގއ. އަތޮޅުގައި ޖެންޑާ މިނިސްޓްރީގެ މުވައްޒަފެއް ނެތް ކަމަށެވެ. އަދި މުވައްޒަފަކު ހޯދަން މަސައްކަތްކުރާތާ އަހަރެއްހާ ދުވަސް ވެއްޖެކަމަށެވެ. އެ ސެންޓަރާއި އަތޮޅު ތެރޭގެ ބައެއް ސެންޓަރުތަކުގެ އެހެން ސެންޓަރުތަކުގެ ހާލަތުވެސް ދަށްކަމަށް ޝިދާތާ ވިދާޅުވިއެވެ.

"ބައެއް ތަންތަނުގެ ފިޒިކަލް ހާލަތަށް ބެލިޔަސް، އެ ތަންތަނުގައި ތިބި މުވައްޒަފުންގެ އަދަދަށް ބެލިޔަސް. އޭގެ ހަމަ އެއް މިސާލު ގއ. ސެންޓަރުގައި އެއްވެސް މުވައްޒަފަކު ނެތް. ދެން އަހަރެއްހާ ދުވަސް ވެއްޖެ މުވައްޒަފަކު ހޯދަން މަސައްކަތްކުރާތާ،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް "ސަން"އަށް އެނގިފައިވާ ގޮތުގައި ޖެންޑާ މިނިސްޓްރީގެ މުވައްޒަފަކު ގއ. އަތޮޅު ސެންޓަރުގައި ހުރެއެވެ. ކޭސް މެނޭޖްމަންޓު މަސައްކަތްކުރާ އެ އެސިސްޓަންޓް ސޯޝަލް ސާވިސް ވޯކަރު މިވަގުތު ހުރީ ވިހެއުމާ ގުޅިގެން ލިބޭ ހަ މަހުގެ ޗުއްޓީގައެވެ. އޭނާ ޗުއްޓީއަށް ދިޔައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.

އޭނާގެ އިތުރުން އެ މަރުކަޒުގައި ކުރިން ހުރީ އެޑްމިނިސްޓްރޭޓިވް އޮފިސަރެކެވެ. އެ އޮފިސަރު މަގާމުން ވަކިވުމުން މިހާރު އެ މަގާމު އޮތީ ހުސްކޮށެވެ.

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އިއްޔެ ޓްވިޓާގައި ވިދާޅުވީ، އޭނާ މިދިޔަ އަހަރުގެ މެދުތެރޭގައި ގއ. އަތޮޅު ސެންޓަރަށް މައްސަލައެއް ހުށަހެޅުއްވި ކަަމަށެވެ. އަދި އެތަނުގެ ސީނިއާ ސްޓާފަކާ ބައްދަލުކުރެއްވި ކަމަށެވެ. އޭނާ އިއްޔެ އިތުރަށް ވިދާޅުވީ، ޝިދާތާގެ ވާހަކަތަކަކީ މަޖިލީހުގެ ކޮމިޓީއަށް ދޮގު މައުލޫމާތު ދިނުން ކަމަށް ބެލެވިދާނެ ކަމަށެވެ.

ގއ. އަތޮޅު ކައުންސިލުގެ މެމްބަރު ހުސެއިން އާދަމް "ސަން"އަށް ވިދާޅުވީ، މި ފަހުން ގއ. އަތޮޅު ސެންޓަރުގެ ދެ މަގާމަށް މުވައްޒަފުން ނަގަން ޖެންޑާއިން އިންޓަވިއު ނަގާފައިވާ ކަމަށެވެ.

ޝިދާތާ އިއްޔެ ވިދާޅުވީ، މުވައްޒަފުން ހޯދުމުގައި ބައެއް ފަހަރު ގޮންޖެހުމަކަށް ވަނީ ސިވިލް ސާވިސްގެ އުސޫލުތައް އޮންނަ ގޮތް ކަމަށެވެ.

އިއްޔެ ޝިދާތާ ކޮމިޓީއަށް ހާޒިރުކޮށްފައިވާއިރު، މިއަދު ޖެންޑާ ކޮމިޓީއިން އޭނާއާ މެދު ގޮތެއް ނިންމާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފައިވެއެވެ.