01 Dec 2011, 16:05
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން ރާއްޖޭން ބޭރަށް ވަޑައިގަތުން އެއް މަސް ދުވަހުގެ މުއްދަތައް މަނާކޮށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ގެ މުއްދަތު ހަމަވުމާއި ގުޅިގެން އާއިލީ ބޭނުމަކަށް ޣައްސާން މިރޭ ރާއްޖެއިން ބޭރަށް ފުރާނެކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
ޣައްސާނު މައުމޫން ސޮއިކުރަށް ފުލުސް ކޮމިޝަނަރަށް ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައި ވަނީ "ފުލުހުންގެ އެދުމުގެ މަތިން ޖިނާއިކޯޓުން، [އެނާ ރާއްޖެއިން] ފުރައިގެން ދިއުން މަނާ ކުރާ އަމުރު ހުސްވިމަހު 24 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާތީ އާއިލީ ބޭނުމަކަށް މިރޭ އަޅުގަނޑު ރާއްޖެއިން ބޭރަށް ފުރަން ގަސްތުކުރާތީ ޕޮލިސް ސާވިސް އަށް އެއްބާރުލުން ދިނުމަށް މައުލުމާތަށްޓަކައި ދެންނެވީމެވެ،" ސިޓީގައި ވެއެވެ.
އަދި އެކަމާ ގުޅިގެން އެއްވެސް މައްސަލައެއްވާނަމަ ގާނޫނީ ވަކީލު އަލްއުސްތާޒާ ދީނާ ހުސައިނަށް އެންގުމަށް ވެސް ޣައްސާން އެދިވަޑައިގެންފައި ވެއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ޣައްސާނުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ކޯޓް މެދުވެރިކޮށް ނެރުނީ ތަހުގީގު ކުރަމުން ގެންދިޔަ މައްސަލައަކާއި ގުޅިގެން ކަމަށާއި، މިހާރު އެ މައްސަލަ ތަހުގީގުކޮށް ނިންމުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވުމުންނާއި ޣައްސާންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ މުއްދަތު ހަމަވެފައިވާތީ ޣައްސާންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ބޭނުމެއް ނެތް ކަމަށެވެ.
"އޭނަގެ ޕާސްޕޯޓް އެއް މަސް ދުވަހަށް ހިފެހެއްޓީ މައްސަލަ ތަހުގީގު ކުރުމަށް، މިހާރު އެމައްސަލަ ތަހުގީގުކޮށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާތީ ހިއެއްނުވޭ ފުލުހުން ދެން އޭނާ އިތުރަށް ހިފެހެއްޓުމަށް އެދޭނެހެން،" ޝިޔާމް ވިދާޅުވިއެވެ.
ޣައްސާނުގެ ގާނޫނީ ވަކީލް ދީނާ ހުސެއިން ވިދާޅުވީ ޣައްސާނު ގެ ޕާސްޕޯޓް ކޯޓުން ހިފެހެއްޓީ އެއް މަސް ދުވަހުގެ ނިޔަލަށް ކަމަށްވާތީ މިހާރު އެ މުއްދަތު ހަމަވުމުން ޣައްސާން ބޭނުންފުޅުވާ ގައުމަކަށް ވަޑައިގެންނެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ޣައްސާން ރާއްޖޭން ބޭރަށް ފުރައި ވަޑައި ނުގެންނެވޭނެ ކަމަށް މިހާތަނަށް ފުލުހުން ވެސް އަދި އެހެން ފަރާތަކުން އަންގާފައިނުވާ ކަމަށެވެ.
"މިހާރު ގަޑިން 15:20 ގައި އަޅުގަނޑު މި މައުލޫމާތު ދިނީ އަދިއެއް ނެތް އެއްވެސް ތަނަކުން ޣައްސާނަށް [ރާއްޖޭން] ބޭރަށް ނުދެވޭނެ ކަމަށް އަންގާފައެއް. ނުވަތަ ޕާސްޕޯޓް ހިފަހައްޓަން ވެސް އަންގާފައެއް ނެތް،" ދީނާ ވިދާޅުވި އެވެ.
ޣައްސާން ގައުމުން ބޭރަށް ވަޑައިގަތުން މަނާކުރުމުގެ އަމުރަކަށް ފުލުހުން އެދުނީ، އެންދެރިމާގޭ ކައިރި އަށް މީހުން އެއްވެ ހިންގި ހަމަނުޖެހުމާ ގުޅިގެން ޣައްސާންގެ މައްޗަށް ތުހްމަތުކުރާ މައްސަލަ ބަލަމުންދާތީ އެވެ.
ޣައްސާން ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށް އަމުރެއް ނެރެފައިވަނީ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
.