ދެކުނުގެ ރަށެއްގައި ފަސްއަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުތަގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފިއެވެ.

ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް ހުށަހެޅީ މިދިޔަ ހުކުރު ދުވަހުގެ ރެޔެވެ. އެ މައްސަލައިގައި ތުހުމަތު ކުރެވޭ 56 އަހަރުގެ މީހާ ހައްޔަރު ކޮށްފައި ވަނީ ރޭގައެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށްފައި ވަނީ ރޭ 23:04 ހާއިރު ކަމަށާއި އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދުގެ މުއްދަތަށް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށެވެ.

ދެކުނުގެ އެހެން ރަށެއްގައި ދެ އަހަރު ނުވާ ކުޑަ ކުއްޖަކު ރޭޕްކުރުމުގެ މައްސަލައެއްވެސް މިހާރު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

އެ މައްސަލައިގައި އެކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުޑަކުއްޖާގެ ކާފަ އަދި މުނިކާފަ ވަނީ ހައްޔަރުކޮށްފައެވެ. އަދި އިހުމާލުގެ ތުހުމަތުގައި ކުއްޖާގެ ބައްޕަ ވެސް ވަނީ ހައްޔަރުކޮށްފައެވެ. ތިން މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.

އެ މައްސަލައިގައި ކުއްޖާ ނިސްބަތްވާ ރަށުގެ ކައުންސިލަރުންނާ ރޭ ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ވަނީ ސުވާލުވެސްކޮށްފަ އެވެ. އަދި އެ މައްސަލާގައި ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވެފައިވޭތޯ ބެލުމަށް ރައްޔިތުން މަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޓީއިން ވަނީ ތަހުގީގެއް ހިންގުމަށް ވެސް ނިންމާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފަ އެވެ. ރައީސް ވަނީ އަނިޔާ ލިބިފައިވާ ކުއްޖާއަށް އިންސާފު ހޯދައިދިނުމަށާއި ކުށްވެރިންނަށް ހައްގު އަދަބު ދިނުމަށް އެ މައްސަލަ ވީހާ ވެސް ރަނގަޅަށް ބައްލަވައިދެއްވުމަށް އެދިވަޑައިގެންފަ އެވެ.