19 Jan 2020, 09:37
ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރާ މުދިމުގެ އަންހެނުން، ފިޔަވަތީގެ ވަޒީފާއިން ސަސްޕެންޑުކޮށްފި އެވެ.
ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ މިނިސްޓްރީން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން، ފިޔަވަތީގެ މުވައްޒަފަކު ގޭގައި މަޑުރަން މިދިޔަ ހުކުރު ދުވަހު އަންގާފައިވާނެ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ގޭގައި މަޑުކުރަން އަންގާފައި ވަނީ ކުއްޖާގެ ބައްޕަ ފަރާތު މާމަ އެވެ. އޭނާ ފިޔަވަތީގައި އަދާކުރަމުން ދިޔައީ ކުދިން ބެލެހެއްޓުމުގެ ވަޒީފާ އެވެ.
ކުއްޖާގެ މާމަ ވަޒީފާ އިން ސަސްޕެންޑުކޮށްފައި ވާއިރު، ކުޑަ ކުއްޖާއާ މެދު ބަދު އަހުލާގީ އަމަލު ހިންގުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެކުއްޖާގެ ކާފަ (62އ) ވަނީ އޭނާ އަދާކުރަމުން ދިޔަ މުދިންކަމުގެ ވަޒީފާ އިން ވެސް ސަސްޕެންޑުކޮށްފަ އެވެ.
އަދި ކުޑަ ކުއްޖާއާ މެދު ބަދު އަހުލާގީ އަމަލު ހިންގުމުގެ ތުހުމަތުގައި ކުއްޖާގެ މުނިކާފަ (81އ) ހައްޔަރުކޮށްފައި ވާއިރު، އިހުމާލުވުމުގެ ތުހުމަތުގައި އެކުއްޖާގެ ބައްޕަ (33އ) ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ހައްޔަރުކުރި ތިން މީހުންނަށް ވެސް ވަނީ ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
މި މައްސަލާގައި ތުހުމަތު ކުރެވޭ މީހުންނަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލައި ރާއްޖޭގެ އެކި ހިސާބުތަކުން އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.
އަނިޔާ ލިބުނު ކުއްޖާ މާލެ ގެނެސް، މިހާރު ވަނީ ކުއްޖާގެ މަންމަ ފަރާތުގެ މާމައާ ހަވާލުކޮށްފަ އެވެ.