ދެކުނުގެ ރަށެއްގައި ފަސްއަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުތަގައި މީހަކު ހައްޔަރުކޮށްފި އެެވެ.

ފުލުހުން މިއަދު ބުނީ، ފަސް އަހަރުގެ ކުއްޖަކަށް 56 އަހަރުގެ މީހަކު ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއް މިދިޔަ ހުުކުރު ދުވަހުގެ ރޭ ހުށަހެޅި ކަމަށެވެ.

އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރީ ރޭކަމަށް ފުލުހުން ބުންޏެވެ.

ދެކުނުގެ އެހެން ރަށެއްގައި ދެ އަހަަރުގެ ކުޑަކުއްޖަކު ރޭޕްކުރުމުގެ މައްސަލައެއްވެސް މިހާރު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

އެ މައްސަލައިގައި އެ ކުޑަކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަވެސް ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މައްސަލައިގައި ކުއްޖާ ނިސްބަތްވާ ރަށުގެ ކައުންސިލަރުންނާ ރޭ ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ވަނީ ސުވާލުވެސްކޮށްފަ އެވެ.

އެ މައްސަލާގައި ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވެފައިވޭތޯ ބެލުމަށް ރައްޔިތުން މަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޓީއިން ވަނީ ތަހުގީގެއް ހިންގުމަށް ވެސް ނިންމާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފަ އެވެ.

އޭގެ އިތުރުން ވެސް އަނިޔާ ލިބިފައިވާ ކުއްޖާއަށް އިންސާފު ހޯދައިދިނުމަށާއި ކުށްވެރިންނަށް ހައްގު އަދަބު ދިނުމަށް އެ މައްސަލަ ވީހާ ވެސް ރަނގަޅަށް ބައްލަވައިދެއްވުމަށް ރައީސް ވަނީ ކަމާ ބެހޭ އިދާރާތަކުގެ އިސްވެރިންގެ އަރިހުން އެދިވަޑައިގެންފަ އެވެ.