ގއ. ކަނޑުހުޅުދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުންނާ ގުޅޭގޮތުން ރަށުތެރޭގައި އެފަދަ އަޑުތަކެއް އިވުނު ކަމަށާއި ކަމާބެހޭ ފަރާތަށް އެކަން ނޭންގީ ރަސްމީ ސިފައެއްގައި ޝަކުވާއެއް ނުލިބޭތީ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އަހްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮމިޓީގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރާ ކަމުގެ މައުލޫމާތު ލިބޭއިރަށް ފުލުހުންނަށާއި ޖެންޑާ މިނިސްޓްރީއަށް ކައުންސިލުން އަންގާފައިވާނެ ކަމަށެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން މިރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ މަޖިލިސް

ނަމަވެސް ރަށު ތެރޭގައި ދެކެވޭ ކޮންމެ ވާހަކައަކާ ގުޅިގެން ރަސްމީ ހައިސިއްޔަތުން ކަމާބެހޭ ފަރާތަށް އެންގޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަށުތެރޭ ދެކެވޭ ވާހަކައަކާ ގުޅިގެން ރަސްމީ ސިފައެއްގައި މައްސަލައެއް ހުށަހެޅޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ކަމެއް ހިނގައިގެން އެއްވެސް ބަޔަކު، އެއްވެސް އާއިލާއަކުން ހުށަހެޅީމަ އަޅުގަނޑުމެން ރަސްމީ ހައިސިއްޔަތުން ހުށަހެޅޭނެ ކަމަށް ގަބޫލު ކުރަނީ،" ޝަހީމް ވިދާޅުވި އެވެ.

އުމުރުން ދެ އަހަރު ނުވާ އަންހެން ކުއްޖާ ރޭޕްކުރި މައްސަލަ ކައުންސިލަށް އެނގުނީ ފުލުހުންނަށް ވެސް އެ މައްސަލަ ރިޕޯޓު ކުރި ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގެކުރިން އެ ކުއްޖާގެ އާއިލާގެ މީހުން ޖިންސީ ގޯނާ ކުރާ ކަމުގެ ވާހަކަތަކެއް ރަށު ތެރޭގައި ފެތުރުނު ނަމަވެސް ކައުންސިލުން އެކަމާ އަޅާނުލީ ރަސްމީ ސިފައެއްގައި އެކަން ކައުންސިލަށް ހުށަނޭޅޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކުއްޖާގެ މުނިކާފަގެ މައްޗަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައި ދައުވާ އުފުލިފައިވާކަން އެނގުނީ ވެސް އެ މައްސަލަ ފެންމަތިވިފަހުން ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"ހިނގަމުންދާ މައްސަލައިގައި މައުލޫމާތު ލިބުނީ 16 ވަނަ ދުވަހުގެ ހެނދުނު އާންމުންގެ ފަރާތުން. މި މައްސަލައާއި ގުޅިގެން އެއްވެސް ފަރާތަކުން ނެތް އަންގާފައެއް މުނިކާފަގެ މައްސަލައެއް އޮންނަ ކަމަށް. މިކަމާ ގުޅިގެން ސާފުކުރި މައުލޫމާތުގެ އަލީގައި އެނގުނީ [އެމީހާ] ކުރިން 3 އަހަރުގެ ކުއްޖަކަށް [ޖިންސީ ފުރައްސާރަ ކުރުމުގެ] މައްސަލައެއްގައި ތަހުގީގު ފުރިހަމަކޮށް ޕީޖީން ކޯޓާ ހަމައަށް ފޮނުވާފައި އޮންނަކަން. ކޯޓުގައި އެ މައްސަލަ އޮންނަތާ ދޮޅު އަހަރުވެފައިވާކަން،" ޝަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން ސޯޝަލް މީޑިއާގައި އާންމުވެގެން އުޅޭ ވީޑިއޯގެ މައުލޫމާތު ލިބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ކަމަށް ޝަހީމް ވިދާޅުވި އެވެ.

އެ ވީޑިއޯގެ މައުލޫމާތު ކައުންސިލަށް ލިބުމުން ވީޑިއޯގައި ކުޑަކުއްޖަކަށް ފުރައްސާރަ ކުރާ މީހާ ދިރިއުޅެމުންދާ ގޭގައި އުޅޭ ކުޑަ އަންހެން ކުއްޖަކަށް އޭނާގެ އަމަލުތަކުގެ ނުރައްކާ ދިމާވެދާނެކަމުގެ އެއްވެސް ކަންބޮޑުވުމެއް ކައުންސިލުން ފާޅުކުރެއްވިންތޯ ކޮމިޓީން ސުވާލު ކުރުމުން ޝަހީމް ވިދާޅުވީ ކަންބޮޑުވިޔަސް އެކުއްޖާ އުޅެމުންދިޔައީ އެކުއްޖާގެ މައިންބަފައިންނާއެކުގައި ކަމަށެވެ.

"ކަންބޮޑުވުން އޮވޭ. އެހެން ނަމަވެސް ކުއްޖާ ބަލަމުންދަނީ ކުއްޖާގެ މަންމައާއި ބައްޕަ ދެއްތޯ؟ ކަންބޮޑުވުން ހަގީގަތުގައި ހުރިހާ ކަމެއްގައި ވެސް އޮންނާނެތާ، ހުރިހާ ކަމެއް ވެސް ފެށިގެން މި އަންނަނީ މަސްތުވާތަކެތިން. އެހެންވީމާ އެ ކަންބޮޑުވުން އޮވޭ. އެކަމަކު ކުއްޖާ ބަލަމުންދިޔައީ ކުއްޖާގެ މަންމައާއި ބައްޕަ. އެހެންވީމަ އަޅުގަނޑުމެން ކަންބޮޑުވިޔަސް އޭގައި ކުރާނެ ކަމެއް ނޯންނާނެ ނޫންތޯ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ އެކުއްޖާގެ ބައްޕައަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަން ކުރިން ވެސް އެނގޭ ކަމަށާއި ކުއްޖާގެ މަންމަ މަސްތުވާތަކެތި ބޭނުން ކުރާ ކަން އެނގުނީ އެ ކުއްޖާ ރޭޕްކުރި މައްސަލަ ފެންމަތިވި ފަހުން ކަމަށެވެ.

ދެ އަހަރު ނުފުރޭ ކުއްޖާ ރޭޕްކުރުމުގެ ކުރިން ރަށުތެރޭގައި އެ ކުއްޖާގެ އާއިލާގެ މީހުން ޖިންސީ ގޯނާ ކުރާ ކަމުގެ އަޑު ފެތުރުނު އިރުވެސް ކަނޑުހުޅުދޫ ކައުންސިލުން ކަމާބެހޭ އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅަން މަސައްކަތްކޮށްފައިނުވާތީ ކޮމިޓީގެ މެމްބަރުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

މިރޭ ބޭއްވި ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންދިޔައީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަހުމޫދު ސަލީމްއާއި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި އެ މިނިސްޓްރީގެ އެހެނިހެން މުވައްޒަފުންގެ އިތުރުން ފުލުހުން ވެސް ހާޒިރުކޮށްގެންނެވެ.

ޖެނުއަރީ 15 ވަނަ ދުވަހު ކަނޑުހުޅުދޫއިން ދެ އަހަރު ނުފުރޭ ކުޑަކުއްޖަކަށް އާއިލާ މެމްބަރުންގެ ފަރާތުން ޖިންސީ ގޯނާ ކުރާ ކަމުގެ މައްސަލައެއް ފެންމަތިވެ، އެކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަ ވަނީ ހައްޔަރުކޮށްފަ އެވެ.

އެތިން މީހުންގެ ބަންދަށް ވެސް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ.