18 Jan 2020, 22:06
މުޅި ދުނިޔޭގައި މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ޓިވީ ފްރެންޗައިޒް، "މާސްޓާ ޝެފް"ގެ ރާއްޖޭގެ އެޑިޝަން އަންނަ ސެޕްޓެމްބަރު މަހު ދައްކަން ފަށާނެ ކަން އިއުލާންކޮށް އެ ޝޯގެ ސްޕޮންސަރުންނާ އެކު މިރޭ ސޮއިކޮށްފި އެވެ.
ޓީވީއެމްގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެންޑެމޯލް ޝައިން ކުންފުނީގެ މި ފްރެންޗައިޒް، "މާސްޓަޝެފް މޯލްޑިވްސް" ލޯންޗްކޮށްދެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދެވެ.
އެ ހަފްލާގައި އިއުލާންކުރި ގޮތުގައި، އެޝޯގެ ފުރަތަމަ ސީޒަން ޓީވީއެމް އިން ޕްރިމިއާ ކުރާނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ޓީވީއެމްއިން ބުނި ގޮތުގައި، އޭގެ ކުރިން ޝޯއަށް ބައިވެރިން ހޯދުމާއި ޝޯ ޕްރޮމޯޓް ކުރުމުގެ އެކި ހަރަކާތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާނެ އެވެ.
އެ ޝޯގެ ސްޕޮންސަރުންނާ އެކު އެއްބަސްވުމުގައި މިރޭ ސޮއިކުރި އިރު ދިރާގަކީ އެ ޝޯގެ ޓައިޓަލް ސްޕޮންސަރު އަދި މައި ސްޕޮންސަރެވެ. އަދި އެސޯސިއޭޓް ސްޕޮންސަރުންގެ ގޮތުގައި ސޮއިކުރީ ގައުމީ ބޭންކް ބީއެމްއެލް، ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އަދި ވިލާ ކޮލެޖް އެވެ. މި ފަރާތްތަކަކީ މީގެ ކުރިން ޓީވީއެމް އިން ކުރިއަށް ގެންދިޔަ ފްރެންޗައިސް ޝޯ، "މޯލްޑިވިއަން އައިޑަލް" ޝޯގެ ވެސް ޕާޓްނަރުންނެވެ.
އެ ހަފްލާގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ވިދާޅުވީ، މި ޝޯއަކީ ކުރިއަރަމުން އަންނަ ޒުވާން، އުންމީދީ ދިވެހި ކައްކާއިންނާއި އެ ރޮގުން ކުރިއަށްދާން ބޭނުންވާ ދިވެހީންނަށް ބައިނަލްއަގުވާމީ ފަންތީގައި ވާދަކޮށްލަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި ބެލުންތެރީންނާއި މުޅި ދުނިޔެއަށް މި ފަންނުގައި ދިވެހީންގެ ހުނަރާއި ގާބިލްކަން ސާބިތުކޮށްދޭން މިއީ ރަނުގެ ފުރުސަތެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޕީއެސްއެމްގެ އެމްޑީ، އަލީ ހާލިދު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ/ ޕީއެސްއެމް
"އަޅުގަނޑު ދެކެނީ ދުނިޔޭގެ ނަން ހިނގާ ފަތުރުވެރިކަމުގެ މަންޒިލެއްގެ ހައިސިއްޔަތުން ވެސް، އަޅުގަނޑުމެން ވީވަރަކުން މިފަދަ ޝޯތައް ރާއްޖެ ގެނެސް ދިވެހީންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަންޖެހޭ. މިއަދު މާސްޓަޝެފް ފަދަ ދުނިޔޭގެ ނަން ހިނގާ މަގުބޫލު ޕްލެޓްފޯމެއް މެދުވެރިކޮށް އަޅުގަނޑުމެންގެ ޗެނަލްތަކުން މި ހަދިޔާ ދިވެހީންނަށް ދެވޭނޭ މަގު ފަހިކުރެވުން މީ ޕީއެސްއެމްގެ މުޅި ޓީމަށާއި އަޅުގަނޑަށް ލިބޭ ހާއްސަ އުފަލެއް" އެމްޑީ އަލީ ވިދާޅުވި އެވެ.

މާސްޓާ ޝެފްގެ ޓައިޓަލް ސްޕޮންސާ އެއްވަސްވުމުގައި ދިރާގާ އެކު ސޮއިކުރުން -- ފޮޓޯ/ ޕީއެސްއެމް
"މާސްޓަޝެފް" ފްރެންޗައިޒްގެ މައި ކުންފުނި އެންޑެމޯލް ޝައިންއިން އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަ ރީޖަނަލް ޑައިރެކްޓާ ރަޝްމީ ބަޖްޕާއީ ވިދާޅުވީ، މިއީ ކެއްކުމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދިވެހިންނާއި ފަތުރުވެރިކަމާއި ކެއިންބުއިމުގެ ހިދުމަތްތަކާއި ގުޅުންހުރި ސިނާއަތްތަކަށް ހުޅުވިގެންދާ ރަނގަޅު ފުރުސަތެއް ކަމަށެވެ.
އާންމުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ މި ޝޯގެ 53 އުފެއްދުމެއް މިދިޔަ އަހަރު އެކަނިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބެލުންތެރީންނަށް ވަނީ ގެނެސްދީފަ އެވެ.