ޝަރުއީދާއިރާ އަށް 2012 އަހަރުގެ ދައުލަތުގެ ބަޖެޓްގައި ކަނޑައަޅާފައިވާ 340 މިލިއަން ރުފިޔާގެ ބަޖެޓަށް 180 މިލިއަން ރުފިޔާ އިތުރުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެދިއްޖެ އެވެ.

ދައުލަތުގެ ބަޖެޓުން މިނިވަން މުއައްސަސާތަކަށް ކަނޑައަޅާފައިވާ ބަޖެޓްތަކާ ބެހޭ ގޮތުން މައުލޫމާތު ހޯދަން ބައެއް މުއައްސަސާތައް މިއަދު ކޮމެޓީއަށް ހާޒިރުކޮށް ބަޖެޓާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކޮށްފަ އެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭންގެ ބެޖެޓް ކޮމެޓީގައި އެދިވަޑައިގަތީ ސްޕީރިއާ ކޯޓްތަކަށް ފަނޑިޔާރުން އައްޔަން ކުރުމާއެކު މުވައްޒަފުން އިތުރުކުރުމާއި ޝަރީއަތްތައް ހިންގާނެ އިތުރު ތަނަކަށް ބޭނުންވާ ހަރަދު ބޮޑުވެގެންދާނެތީ ބަޖެޓަށް ފައިސާ އިތުރުކޮށް ދިނުމަށެވެ. އެ ގޮތުން ހަމައެކަނި މާލޭގައި ހުންނަ ސްޕީރިއާ ކޯޓްތަކަށް ގެންނަންޖެހޭ ބަދަލުތަކާއެކު 180 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާ ކަމަށެވެ. އަދި އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓްތަކަށް ކަނޑައަޅާފައިވާ 83 މިލިއަން ރުފިޔާ އެ ފައިސާގެ ތެރޭގައި ހިމެނޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ.