18 Jan 2020, 20:49
ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރާ އެ ކުއްޖާގެ ބައްޕަ ފަރާތު ކާފަ ރަށު މިސްކިތު މުދިމު ކަމުން ސަސްޕެންޑްކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީއިން މިއަދު ބުނީ ގއ. ކަނޑުހުޅުދޫ، ރިހިވެހި، އިބްރާހިމް ދީދީ، 62އ. މައްޗަށް ކުޑަ ކުއްޖަކާ މެދު ބަދު އަހުލާގީ އަމަލު ހިންގުމުގެ ތުހުމަތު ކުރެވޭތީ އޭނާ މިސްކިތުގެ އިމާމު ކަމުގެ ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
އެއީ އެ މައްސަލައިގައި ތުހުމަތުގައި އިއްޔެ ހައްޔަރުކުރި އެ ކުއްޖާގެ ބައްޕަ ފަރާތު ކާފަ އެވެ. އޭނާ ވަނީ އިއްޔެގެ ވަގުތެއްގައި އެ ރަށުން ހައްޔަރުކޮށް، ބަންދަށް 15 ދުވަސްވެސް ޖަހައިފަ އެވެ. އަދި މިއަދުގެ ހެނދުނުގެ ވަގުތެއްގައި އޭނާ މާލެ ގެނެސް، ދޫނިދޫގައި ވަނީ ބަންދުކޮށްފަ އެވެ.
ކާފަ ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ދެން ކުރެވެނީ އޭނާގެ ބައްޕަ އަދި ކުއްޖާގެ މުނި ކާފައަށެވެ. އޭނާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހުން ކުޑަކުދިންނާ މެދު ބަދު އަހުލާގީ އަމަލު ހިންގާ ކަމަށް ރަށު މީހުން ތުހުމަތު ކުރެ އެވެ. އެ ކުއްޖާއާ މެދު އިހުމާލުވުމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ވެސް ވަނީ ހުޅުމާލެއިން ހައްޔަރުކޮށް، ދޫނިދޫގައި ބަންދުކޮށްފަ އެވެ.