ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ބަނޑުބޮނޑުވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ހުށަހެޅީ މީގެ އެއް މަސްކުރިން ކަމަށެވެ.

އޭނާ ވިދާޅުވީ ބަނޑުބޮޑުވަފައިވަނީ އުމުރުން 14 ނޫނީ 15 އަހަރުގެ ކުއްޖެއް ކަމަށެވެ.

ޖިންސީ ޝިކާރައަށްވި ކުއްޖާ ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ނޫން ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރީ ކާކުކަމެއް މިނިސްޓްރީއަކުން ނުބުނެ އެވެ. ބުނީ އެ މައްސަލަ މިހާރު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.

ދެކުނުގެ ރަށެއްގައި ފަސް އަަހަރުގެ ކުއްޖަަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވިއިރު ދެ އަަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވަރަށް ބޮޑަށް ވަނީ ހޫނުވެފައެވެ.

ދެ އަހަރުގެ ކުޑަ ކުއްޖާ ރޭޕްކުރި މައްސަލައިގައި އެ ކުޑަކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަވެސް ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މައްސަލައިގައި ކުއްޖާ ނިސްބަތްވާ ރަށުގެ ކައުންސިލަރުންނާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން މިހާރު ވަނީ ނިންމައިފަ އެވެ.

އެ މައްސަލާގައި ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވެފައިވޭތޯ ބެލުމަށް ރައްޔިތުން މަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޓީއިން ވަނީ ތަހުގީގެއް ހިންގުމަށް ވެސް ނިންމާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފަ އެވެ.

އޭގެ އިތުރުން ވެސް އަނިޔާ ލިބިފައިވާ ކުއްޖާއަށް އިންސާފު ހޯދައިދިނުމަށާއި ކުށްވެރިންނަށް ހައްގު އަދަބު ދިނުމަށް އެ މައްސަލަ ވީހާ ވެސް ރަނގަޅަށް ބައްލަވައިދެއްވުމަށް ރައީސް ވަނީ ކަމާ ބެހޭ އިދާރާތަކުގެ އިސްވެރިންގެ އަރިހުން އެދިވަޑައިގެންފަ އެވެ.