ރާއްޖޭގައި ނައްތާލެވިފައިވާ ހިމަބިހި އަލުން ފެތުރެން ފަށާފައިވާ މިދުވަސް ވަރު، ހަތަރު ވަނަ މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން މިއަދު ހާމަކޮށްފި އެވެ.

ހިމަބިހި ފެތުރެން ފެށިފަހުން، މިހާތަނަށް ދެ ކުޑަކުދިންނާއި އެކަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ބޮޑު މީހާއަކީ ޑޮކްޓަރެކެވެ.

އެޗްޕީއޭ އިން މިއަދު ހާމަކުރި ގޮތުގައި ހިމަބިހީގެ އަލާމާތްތަކެއް ފެނިގެން، އަށް މީހަކު މިއަދު ވަނީ ޓެސްޓްކޮށްފަ އެވެ. އޭގެ ތެރެއިން އެކަކަށް ހިމަބިހި ޖެހިފައިވާކަން ޓެސްޓްތަކުން ކަށަވަރުވެފައިވާ ކަމަށް އެ އޮތޯރިޓީއިން ބުންޏެވެ. އެހެން ނަމަވެސް މިދިޔަ ދެ ދުވަހު ހިމަބިއްސަށް ގިނަ ބަޔަކު ޓެސްޓް ކުރި ނަމަވެސް އެ ބަލި މީހަކަށް ޖެހިފައިވާ ކަމަށް އެ ޓެސްޓްތަކުން ދައްކާފައެއް ނުވެ އެވެ.

މިފަހުން ހިމަބިހި ޖެހިފައިވާ މީހެއް ރާއްޖެއިން ފެނުނީ، މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. އަދި އޭގެ ފަހުން އިތުރު ކުއްޖަކު އެ ބައްޔަށް ޕޮޒިޓިވް ވުމުން ރާއްޖޭގައި ހިމަބިހި ފެތުރެމުން އަންނަކަން ހެލްތް މިނިސްޓްރީއިން އިއުލާން ކުރީ، މި މަހުގެ 13 ވަނަ ދުވަހު އެވެ.

އޭގެ ފަހުން، ޓޮކްޓަރަށް ދައްކަން ހޮސްޕިޓަލްތަކަށް އަންނަ މީހުންގެ ތެރެއިން، ބަލީގެ އަލާމާތްތައް ހުންނަ މީހުންގެ ހިމަބިހީގެ ޓެސްޓްތައް އަންނަނީ ހަދަމުންނެވެ.

ހެލްތް މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި ހިމަބިހި އަނެެއްކާ ވެސް ރާއްޖެއިން ފެންނަން ފެށީ ވެކްސިންގެ ޑޯޒްތައް ފުރި ހަމަ ނުކުރާ ފަރާތްތައް ގިނަވުމާ ގުޅިގެންނެވެ. ހެލްތް މިނިސްޓްރީއިން ބުނީ، 200،000 މީހުންނަށް ޖެހޭ ވަރަށް ރާއްޖެއަށް ވެކްސިން ގެނެސް ޕްރޮގްރާމެއް ފަށަން ނިންމާފައިވާ ކަމަށެވެ.

ބަލި ފެންނަ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ވެކްސިން ޖެހުމަށް މިނިސްޓްރީއިން ވަނީ މިހާރު ޕްރޮގްރާމެއް ފަށައިފަ އެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުން ވެސް އަންނަނީ މީހުންނަށް ވެކްސިން ޖަހައިދެމުންނެވެ.