01 Dec 2011, 13:54
ނިއުދިއްލީން: މުހައްމަދު ޝާން
ރާއްޖެ ޓީމުގައި ބިރުގަން ވަރިގެ އެއްވެސް ކުޅުންތެރިއަކު ނެތް ކަމަށް ނޭޕާލް ޓީމުގެ ކޯޗް ރޮބެޓްސް ބުނެފިއެވެ.
ދިއްލީގެ ޑަބަލް ޓްރީ ބައި ހިލްޓަން ހޮޓަލްގައި މިއަދު ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމަށްފަހު، ސަންއޮންލައިނަށް ދިން އިންޓަވިއުގައި ނޭޕާލް ކޯޗް ރޮބަޓްސް ބުނީ، މާދަމާ ފުރަތަމަ މެޗުގައި ދިވެހި ޓީމާ ދެކޮޅަށް ނުކުންނައިރު، ނޭޕާލްގެ ކުޅުންތެރިން ޖެހިލުންވާ ވަރުގެ އެއްވެސް ކުޅުންތެރިއަކު ދިވެހި ޓީމްގައި ނެތުމަކީ ކުޅުންތެރިނަށް ލިބުނު ވަރަށް ބޮޑު ހިތް ވަރެއް ކަމަށެވެ.
އެހެން ނަމަވެސް ދިވެހި ޓީމުގެ ފޯވާޑް ލައިނަކީ ނޭޕާލަށް އޮތް ބޮޑު ބިރެއް ކަމުގައި ވިޔަސް، އެކަން ވަކި ގޮތަކަށް ނިންމުމަށް ނޭޕާލްގެ ޑިފެންޑަރުން ވަރަށް މަސައްކަތް ކުރާނެ ކަމަށް ވެސް ކޯޗް ރޮބެޓްސް ބުންޏެވެ.
"އަހަރުމެން ދިވެހި ކުޅުންތެރިން ދެކެ ބިރެއް ނުގަނެ. އަހަރުމެން ތިބީ ވަަރަށް އުންމީދުގައި މުބާރާތް ކާމިޔާބު ކުރަން. ދިވެހި ޓީމުގެ ފޯވާޑް ލައިން ހުއްޓުވުމަށް އަހަރުމެން ވަރަށް މަސައްކަތް ކުރާނަން." ރޮބަޓްސް ބުންޏެވެ.
ރާއްޖެއާ ދެކޮޅަށް މާދާމަ ނޭޕާލް ނިކުންނައިރު، މިފަހަރުގެ މުބާރާތް ނޭޕާލު ކާމިޔާބު ކޮށްފިނަމަ، ޓީމްގެ ކޮންމެ ކުޅުންތެރިއަކަށް "ލައިފް ޓައިމް އެލެވެންސްއެއްގެ ގޮތުގައި" ކޮންމެ މަހަކުވެސް 10000 ރުޕީސް ދިނުމަށް ވަނީ ހަމަޖައްސައިފައެވެ.