18 Jan 2020, 16:14
އަނެއްކާވެސް ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުތަކެއް ފެންމަތިވެ ފުލުހުން އެ މައްސަލަ ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ، ދެކުނުގެ ރަށެއްގައި ފަސް އަހަރުގެ ކުއްޖަކަށް 56 އަހަރުގެ މީހަކު ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއް ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަން ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އެ މައްސަަލައިގައި މިހާރު ޖެންޑާ މިނިސްޓްރީގެ ޓީމެއް އެރަށުގައި ހަރަކާތްތެރިވަމުންދާކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އެ މައްސަލައިގައި ތުުހުމަތުކުރެވޭ މީހާގެ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެ އެވެ.
ޖިންސީ ގޯނާގެ މައްސަލައެއް މިއަދު ފެންމަތިވިއިރު ދެކުނުގެ ރަށެއްގައި ދެ އަހަަރުގެ ކުޑަކުއްޖަކު ރޭޕްކުރުމުގެ މައްސަލައެއްވެސް މިހާރު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
އެ މައްސަލައިގައި އެ ކުޑަކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަވެސް ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މައްސަލައިގައި ކުއްޖާ ނިސްބަތްވާ ރަށުގެ ކައުންސިލަރުންނާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން މިހާރު ވަނީ ނިންމައިފަ އެވެ.
އެ މައްސަލާގައި ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވެފައިވޭތޯ ބެލުމަށް ރައްޔިތުން މަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޓީއިން ވަނީ ތަހުގީގެއް ހިންގުމަށް ވެސް ނިންމާފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފަ އެވެ.
އޭގެ އިތުރުން ވެސް އަނިޔާ ލިބިފައިވާ ކުއްޖާއަށް އިންސާފު ހޯދައިދިނުމަށާއި ކުށްވެރިންނަށް ހައްގު އަދަބު ދިނުމަށް އެ މައްސަލަ ވީހާ ވެސް ރަނގަޅަށް ބައްލަވައިދެއްވުމަށް ރައީސް ވަނީ ކަމާ ބެހޭ އިދާރާތަކުގެ އިސްވެރިންގެ އަރިހުން އެދިވަޑައިގެންފަ އެވެ.