މި މަހުގެ ހަ ވަނަ ދުވަހު ކ. ކަގި ކައިރިން ފަރަށް އެރި "ޓީޓީއެސް ފާން" ކިޔާ މުދާ އުފުލާ ދޯނީގައި ހުރި ކައްޕި ގެއްލުނު އިރު އެ ދޯނީގައި އިތުރު ދިވެއްސަކު ވެސް ހުރިކަމަށް ފުލުހުން ބުނެފި އެވެ.

އެ މުދާ އުފުލާ ދޯނިން ގެއްލިގެން ހޯދަމުން ދާ ކައްޕިއަކީ ހދ. ކުޅުދުއްފުށި، ހަވީރީ ނާޒްގޭ މުހައްމަދު ޔޫސުފް އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ ކައްޕި ގެއްލުނު އިރު އެ ދޯނީގައި އިތުރު ދިވެއްސަކާ ދެ ބިދޭސީން ތިބި ކަމަށެވެ. އެ މައްސަލާގައި ފުލުހުން ކުރިން ބުނީ ދޯނި ފަރަށް އެރި އިރު ދޯނީގައި ތިބީ ޔޫސުފް ފިޔަވައި އިތުރު ދެ ބިދޭސީން ކަމަށެވެ.

ދޯނީގައި ހުރި ކަމަށް ބުނާ "އިތުރު" ދިވެހި މީހާގެ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެ އެވެ.

ގެއްލުނު ކައްޕި ހޯދުމަށް އެމްއެންޑީއެފް އިން އަންނަނީ ކަނޑު އުޅަނދުތަކާއި، ހެލިކޮޕްޓަރާއި އަދި ޑައިވަރުން ބޭނުން ކުރަމުންނެވެ. މިއަދާ ހަމައަށް ބޮޑު ސަރަހައްދެއް ބަލާފައި ވާއިރު، މީހާގެ އެއްވެސް ހަބަރެއް ނުވެ އެވެ.

ކުރިން ފީނަމުން ދިޔަ ޑައިވަރުންނަށް ވަނީ އެ ސަރަހައްދުގެ 48 މީޓަރު އަޑިން ތުވާއްޔެއްގެ ބައެއް ފެނިފައިވެ އެވެ. އޭގައި ލޭ ކަހަލަ އެއްޗެއް ހޭކިފައި ހުރުމުން ސުވާލު ކުރުމުން އެމްއެންޑީއެފް އިން ބުނީ އެ ތަކެތި ފުލުހުންނާ ހަވާލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ފުރިހަމަ މައުލޫމާތު އެނގޭނީ ތަހުލީލުތަކަށް ފަހު ކަމަށެވެ.

އޭގެ އިތުރުން އެ ސަރަހައްދުން ވަޅިއެއް ވެސް ވަނީ ފެނިފަ އެވެ.