18 Jan 2020, 16:00
ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލާގައި ހިމެނޭ ދޮށީ އުމުރުގެ މީހާއަކީ ކުރިން ވެސް އެފަދަ މައްސަލައެއްގެ ރިކޯޑު އޮތް މީހެއް ކަމަށާއި ނަމަވެސް އޭނާ މުޖުތަމައަށް ދޫކޮށްލާފައި ހުރީ އުމުރަށް ބެލުމަށް ފަހު ކަމަށް ފުލުހުން ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅުވީ އެ މައްސަލާގައި ހިމެނޭ އުމުރުން 82 އަހަރުގެ މީހާގެ މައްޗަށް 2018 ވަނަ އަހަރު ވެސް މިފަދަ މައްސަލައެއްގައި ތުހުމަތު ކުރެވިގެން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
"މި މައްސަލާގައި ތުހުމަތު ކުރެވޭ ތިން މީހުންގެ ތެރެއިން، އުމުރުން 82 އަހަރުގެ ފިރިހެން މީހާ، މީގެ ކުރިން ވެސް ކުއްޖަކާ ދޭތެރޭ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އުފުލިގެން އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވާނީ ފޮނުވާފައި. އެ މައްސަލާގައި ހިނގި ކަމަށް ހުށަހެޅުނު ކުށުގެ އަމަލާއި އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާގެ އުމުރަށް ބަލާފައި ފުލުހުން އޭރު ނަގާފައި އޮތް ޑިސިޝަނެއް އެ މައްސަލާގައި އޭނާ ހައްޔަރު ނުކޮށް، އެ މައްސަލަ ތަހުގީގު ކުރަން." މަންނާން ވިދާޅުވި އެވެ.
ޖެނުއަރީ 18، 2020: ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކޮށް ނިންމުމަށް ފަހު ދައުވާ ކުރުމަށް ޓަކައި 2018 ވަނަ އަހަރުގެ މެއި 31 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާނެ ކަމަށާއި 2019 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި އެ މައްސަލައިގެ ޝަރީއަތުގެ އެއް އަޑުއެހުން ވެސް ބާއްވާފައިވާ ކަމަށެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގެ ޝަރީއަތް ކުރެވެމުންދާ މީހެއް މި މައްސަލައިގައި ހިމެނުނު ނަމަވެސް، މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ މީގެ ކުރިން އެފަދަ މައްސަލައެއް އެކުއްޖާގެ އާއިލާ އެއްވެސް މީހަކާ ގުޅޭ ގޮތުން މިނިސްޓްރީއަށް ލިބިފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މައްސަލަ ހުށަހެޅުނުއިރުގައި ކުއްޖާއަކީ މަންމައާއި ބައްޕައާއި އެކީގައި ދިރިއުޅުނު ކުއްޖެއް. މަންމަގެ ވެސް ބައްޕަގެ ވެސް އެކަހަލަ ހިސްޓްރީއެއ،ް ރިކޯޑެއް އަޅުގަނޑުމެންނަށް ރިޕޯޓުކޮށްފައެއް ނެތް. އެކުއްޖާގެ އާއިލާއާ ގުޅުން ހުރި އެފަދަ މައްސަލައެއް ވެސް އަޅުގަނޑުމެންގެ ރިކޯޑުތަކުން ފެންނާކަށް ނެތް." މިނިސްޓަރު ޝިދާތާ ވިދާޅުވި އެވެ.
ޖެނުއަރީ 18، 2020: ޖިންސީ އަނިޔާ ދިން ކުޑަ ކުއްޖެ މައްސަލައިގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިނިސްޓަރު ވިދާޅުވީ އެކުއްޖާއާ ގުޅޭ ގޮތުން އަލަށް ވެސް މައްސަލައެއް ހުށަހެޅިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުގައި ކަމަށާއި މައްސަލަ ލިބުމާ އެކު އެކުއްޖާ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާނެ ކަމަށެވެ.
އެކުއްޖާ ދިރިއުޅެމުން ދިޔައީ ރައްކާތެރި މާހައުލެއްގައިކަން ޖެންޑާއިން ކިހާ މިންވަރަކަށް ކަށަވަރުކޮށްފައިވޭތޯ "ސަން"ގެ ނޫސްވެރިޔާ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް މިނިސްޓަރު ވިދާޅުވީ ކުއްޖާގެ އާއިލާ މެމްބަރަކާ ގުޅޭ ގޮތުން އެފަދަ މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ލިބިފައި ނުވާ ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މައުލޫމާތު ޖެންޑާ މިނިސްޓްރީން އާންމުކުރާ ވެބްސައިޓެއް ވެސް އޮވެ އެވެ. ނަމަވެސް އެ ވެބްސައިޓުގައި އާންމުކުރަނީ އެފަދަ މައްސަލަތައް ސާބިތުވެ، ހުކުމެއް ކޮށްފައިވާ މީހުންގެ މައުލޫމާތު އެކަންޏެވެ.
ދެކުނުގެ ރަށަކުން ކުޑަކުއްޖަކަށް އާއިލާގެ ފަރާތުން ޖިންސީ ގޯނާ ކުރާ ކަމުގެ މައްސަލައެއް ފެންމަތިވީ މި މަހުގެ 15 ވަނަ ދުވަހުގަ އެވެ. އެ މައްސަލާގައި އެކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަ އިއްޔެގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.