ހއ. ބާރަށުގެ އާ ކޯޓުގެ އިމާރާތުގައި ބިންގާ އަޅައިފި އެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ)ގެ އިސްވެރިން ހއ. އަތޮޅުގެ ހުރިހައި ރަށެއްގެ ކޯޓުތަކަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ވަނީ އެރަށަށް ވަޑައިގެންފަ އެވެ.

މިއަދު ހެނދުނު ބާރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޑރ. އަބްދުﷲ ނަޒީރެވެ.

ޑީޖީއޭއިން ބުނީ އެ ޑިޕާޓްމަންޓްގެ އިސްވެރިން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ހއ. ހޯރަފުށީގެ އައު ކޯޓު އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ އިތުރުން ހއ. އަތޮޅު ކޯޓުތަކުގެ ހާލަތު ބައްލަވާލެއްވުމާއި ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ކުރެވެން ހުރި ކަންތައްތައް ދެނެގަތުމަށް ހއ. އަތޮޅުގެ ހުރިހައި ކޯޓުތަކަކަށް އިސްވެރިން ވަޑައިގަތުމަށް ނިންމާފައިވާ ކަަމަށް ޑިޖީއޭއިން ބުންޏެވެ.