ދެކުނުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް އާއިލާގެ ފަރާތުން ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީއަށް ހުށަހެޅުމާ އެކު، ވަގުތުން އެ މައްސަލަ ތަހުގީގު ކުރަން ފެށި ކަމަށް ފުލުހުންނާއި ޖެންޑާއިން ބުނެފި އެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއް އާއިލާއެއްގެ ތިން މީހަކު ހިމެނޭ ގޮތަށް ދެ އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށާއި ޖެންޑާ މިނިސްޓްރީއަށް ލިބުނީ ޖެނުއަރީ 15 ވަނަ ދުވަހުގެ 16:30 އެހާކަންހާއިރު ކަމަށެވެ.

ފުލުހުންނަށް އެ މައްސަލަ ލިބިފައި ވަނީ އެ ކުއްޖާގެ ބައްޕަ ފަރާތު އާއިލާގެ ބައެއް މީހުންނަކީ ޖިންސީ ފުރައްސާރައިގެ ކުށުގެ ރެކޯޑު އޮންނަ ބަޔަކަށް ވުމުން، މަންމަ ފަރާތު އާއިލާ މީހުން އެކުއްޖާ ރައްކާތެރި މާހައުލަކަށް ބަދަލު ކުރަން އުޅެ، އެކަން ނުވުމުންނެވެ.

ފުލުހުން ބުނީ އެކަމާ ގުޅޭ ގޮތުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލާގައި ކުއްޖާގެ ބައްޕަ ފަރާތު ކާފަ (62އ) އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭތީއާއި ކުއްޖާގެ މުނިކާފަ [82އ] އަކީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ ރިކޯޑު އޮންނަ މީހެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ހަމައެއާ އެކު ކުއްޖާގެ މައިންބަފައިންނަކީ ކުށުގެ ރިކޯޑު އޮންނަ ބައެއް ކަމަށާއި ކުއްޖާގެ މަންމަގެ ހާލު ދެރަވެގެން ޑޮކްޓަރަށް ދައްކަން ރަށުން ބޭރަށް ފުރުމުން، އެކުއްޖާ ދިރިއުޅެމުން ދިޔައީ ރައްކާތެރި މާހައުލެއްގައި ނޫން ކަމަށް ބުނެފައިވެ އެވެ.

މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް، ފުލުހުންނަށް މައްސަލަ ހުށަޅާފައި ވަނީ ކުއްޖާގެ މަންމަ ފަރާތު އާއިލާއިން ކުއްޖާ މަންމައާ ހަވާލު ކުރަން ކުރި މަސައްކަތަށް ކުއްޖާގެ ބައްޕަ (33އ) ހުރަސް އެޅުމުންނެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ހަމަ އެ ދުވަހުގެ 19:30 ހާއިރު އެ މިނިސްޓްރީގެ ކޭސް ވޯކަރުންނާއި ފުލުހުން އެކުއްޖާ ދިރިއުޅޭ މާހައުަލަށް ގޮސް މައުލޫމާތު ސާފު ކުރުމަށް ފަހު ކުއްޖާގެ މެޑިކަލް އެސެސްމަންޓެއް ހެދުމަށްޓަކައި އެރޭ 20:45 ހާއިރު ކޭސް ވޯކަރުންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށެވެ.

އެ އެސެސްމަންޓް ހެދުމަށް ޓަކައި އެރޭ 22:55 ހާއިރު އެކުއްޖާ ސަރަހައްދީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ޑޮކްޓަރުން ބެލިބެލުމުން އެކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ބެލެވޭތީ، ކުއްޖާގެ ބޮޑުދައިތައާއި ވަގުތީ ގޮތުން ހަވާލުކުރެވުނު ކަމަށް ޖެންޑާއިން ބުނެ އެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަން ފުލުހުންގެ ޓީމެއް ޖެނުއަރީ 16 ވަނަ ދުވަހު ކަމާގުޅޭ ފަރާތްތަކާ ސުވާލުކޮށް، ހެއްކާއި ގަރީނާ އެއްކުރުމަށް ފަހު، ޖެހިގެން އައި ދުވަހު ކޯޓު އަމުރަކަށް އެދި، އެ އަމުރު ލިބުމުން މެންދުރު ފަހު 15:00 - 15:25 ދެމެދު އެކުއްޖާގެ ކާފައާއި މުނިކާފަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޖެނުއަރީ 17 ވަނަ ދުވަހުގެ ރޭ 19:30 ހާއިރު ކުއްޖާގެ ބައްޕަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން ކުއްޖާއަށް ލިބިފައިވާ ގެއްލުން ވަޒަންކުރުމަށް ޖެނުއަރީ 17 ވަނަ ދުވަހުގެ ރޭ 20:30 ހާއިރު މާލެއަށް ގެނެސް، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށްގެންދަނީ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެންނެވެ.