01 Dec 2011, 13:51
ނިއުދިއްލީން: މުހައްމަދު ޝާން
ފުރަތަމަ މެޗަށް ޓީމް ނިކުންނާނީ ފައިނަލް މެޗެއްކަން ދަނެ، މެޗުން މޮޅުވުމުގެ އަޒުމުގައި ކަމަށް ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް އިސްތަވާން އުރުބާނީ ބުނެފިއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ދިވެހި ޓީމް މާދަމާ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފެށެން އެއް ދުވަހަށް ވެފައިވާއިރު، މިއަދު ޑަބަލް ޓްރީ ބައި ހިލްޓަން ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ ދިވެހި ޓީމްގެ ކޯޗް އުރުބާނީ ބުނީ، ދިވެހި ޓީމް އޮތީ ވަރަށް ފިޓްކޮން ކަމަށާއި އެހެން ކަމުން ފުރަތަމަ މެޗަށް ޓީމް ނުކުންނާނީ މޮޅުވުމުގެ ފުރިހަމަ ޔަޤީންކަމާއެކު ކަމަށެވެ. އަދި ފުރަތަމަ މެޗުގައި ނޭޕާލާ ދެކޮޅަށް ނުކުންނަން ޖެހުމަކީ މައްސަލައެއް ނޫންކަމަށާއި މުބާރާތުގައި ދިވެހި ޓީމް ކުޅޭ ކޮންމެ މެޗަކީ ފައިނަލް މެޗެއް ކަމަށް ވެސް އުރުބާނީ ބުންޏެވެ.
"ބޭނުން ވަނީ މޮޅުވާން. ނޭޕާލް އަތުން ވެސް މޮޅުވާން ބޭނުން. އަދި ގުރޫޕްގެ އެހެން މެޗްތަކުން ވެސް މޮޅުވާން ބޭނުން" އުރުބާނީ ބުންޏެވެ.
ކޯޗް އުރުބާނީގެ އިތުރުން މިއަދުގެ ނިއުސް ކޮންފަރެސްގައި ބައިވެރިވި ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) ބުނީ، ޓީމްގެ އުންމީދަކީ ހުރިހާ މެޗަކުން މޮޅުވުން ކަމަށެވެ.
ދިވެހި ޓީމް ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ނޭޕާލާ ދެކޮޅަށް ނުކުންނައިރު، މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ރާއްޖެ ގަޑިން 5:30 ގައެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖެ ވާދަކުރާ ގްރޫޕް ބީފަޅީގެ ހުރިހާ ޓީމެއް އެއްކޮށް ބޭއްވި ނޫސްކޮންފަރެސްގައި، ނޭޕާލްގެ ކޯޗް ރޮބަޓްސް ބުނީ، ރާއްޖެއަކީ މޮޅު ކުޅުންތެރިން ތިބި ޤައުމެއް ކަމަށާއި ރާއްޖެ އަތުން ކާމިޔާބު ހޯދުމަކީ ޓީމަށް ލިބިގެން ދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެގޮތުން ރާއްޖެ މެޗް ކާމިޔާބު ކުރުމަށް ނޭޕާލްގެ ކުޅުން ތެރިން ތިބީ ކެއްމަދުވެފައި ކަމަށް ވެސް ރޮބަޓަސް ބުންޏެވެ.
"ނޭޕާލް ކުޅުންތެރިން ބޭނުން ރާއްޖެ އަތުން ވެސް މޮޅުވާން . ކުޅުން ތެރިން ތިބީ ފުރިހަމައަށް ތައްޔާރުވެގެން. ގްރޫޕްގައި ތިބީ ވަރަށް ފަށޭހަ ޤައުމުތަކެއް. މުބާރާތ ްކާމިޔާބު ކުރާން މަސައްކަތް ކުރާނަން" ރޮބަޓްސް ބުންޏެވެ.