އެއިޑްސް ބަލި ފެތުރުން ހުއްޓުވުމާއި އެބަލި ޖެހިފައިވާ މީހުންނަށް ފަރުވާކުރުމުގައި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއު އެޗްއޯއިން ބުނެފިއެވެ.

ދުނިޔޭގެ އެއިޑްސް ދުވަހުގެ މުނާސަބާގައި ޑަބްލިއުއެޗްއޯ އިން އާއްމުކުރި ބަޔާނުގައި ބުނެފައި ވަނީ އެއިޑްސް ފެތުރުން ހުއްޓުވުމާއި އެ ބަލީގެ މީހުންނަށް ފަރުވާކުރުމުގައި ކުރިއެރުންތަކެއް ހޯދިފައި ވިޔަސް އެކަމަށް ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްކުރަން ޖެހޭ ކަމަށެވެ.

އެއިޑްސްއާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރު ކުރެވިފައި ވުމުން އެބަލި މީހުންނަށް އަލަށް ޖެހޭ މިންވަރު 15 ޕަސެންޓަށް ދަށް ކުރެވިފައިވާ ކަމަށާއި އެބަލީގައި މީހުން މަރުވާ މިންވަރު 22 ޕަސެންޓަށް ދަށްކުރެވިފައިވާ ކަމަށް ޑަބްލިއުއެޗްއޯގެ ބަޔާނުގައި ވެއެވެ.

އެއިޑްސް ބަލިން މީހުން ސަލާމަތް ކުރުމަށާއި އެ ބަލި ޖެހިފައިވާ މީހުންނަށް އެހީވުމަށް ޑަބްލިއުއެޗްއޯން ކޮށްފައިވާ ބައެއް މަސައްކަތްތަކާއި ހާސިލު ކުރެވިފައިވާ ކަންތައްތައް އެ ޖަމިއްޔާގެ ބަޔާނުގައި ވެއެވެ.

އެއިޑްސްއަށް ޓެސްޓް ކުރުން ކުރިއަށް ވުރެ ރަނގަޅު ކުރެވުމާ ގުޅިގެން އެފްރިކާގެ ދެކުނުގެ ގައުމުތަކުގައި މާބަނޑު އަންހެނުން އެއިޑްސްއަށް ޓެސްޓް ކުރެވޭ މިންވަރާއި އެމީހުންނަށް ކައުންސެލިން ދެވޭ މިންވަރު 60 ޕަސެންޓަށް އިތުރުކުރެވިފައިވުމަކީ ޑަބްލިއު އެޗްއޯއިން ފާހަގަ ކުރާ ކަމެކެވެ.

އަދި އެއިޑްސް ޖެހިފައިވާ މާބަނޑު އަންހެނުންގެ ބަނޑުގައިވާ ދަރިންނަށް އެއިޑްސް ބަލި ވާރުތަވުން ހުއްޓުވުމަށް ފަރުވާ ކުރެވި އެކަން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަން ވެސް ޑަބްލިއު އެޗްއޯއިން ފާހަގަ ކޮށްފައި ވެއެވެ.

އެއިޑްސް ބަލި މުޅިން ރަނގަޅުވާ ބޭހެއް އަދި އެބަލި ޖެހުމުން ދިފާއުވެވޭ ވެކްސިނެއް މިހާތަނަށް ހޯދިފައި ނުވާއިރު އެބަލި ޖެހިފައިވާ 30 މިލިޔަނަށް ވުރެ ގިނަމީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބެވެ.