ރާއްޖެއަށް އަދި މި ސަރަޙައްދުގެ ކޮންމެ ޤައުމަކަށް މޫސުމީ އާދަޔާ ޚިލާފު ބަދަލެއް އަޔަސް، ސަރަހައްދުގެ ހުރިހާ ޤައުމަކަށް އޭގެ އަސަރުކުރާނެ ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ސެކިއުރިޓީ އިމްޕްލިކޭޝަންސް އޮފް ކްލައިމެޓް ޗޭންޖް އިން ސައުތް އޭޝިޔާގެ ނަމުގައި ސައުތް އޭޝިޔަން ނެޓްވޯކް ފޯ ސެކިއުރިޓީ އެންޑް ކްލައިމެޓް ޗޭންޖްގެ ބައިވެރިން ބޭއްވެވި މަޝްވަރާ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ. މޫސުމަށް ކުރިމަތިވާ އާދަޔާ ޙިލާފު ބަދަލުތަކަކީ، ވަކި ޤައުމަކަށް ކުރިމަތިލާންޖެހޭ ކަމެއް ނޫން ކަމަށެވެ.

ޓްރޭޑާސް ހޮޓެލްގައި ނައިބު ރައީސް މިއަދު ވިދާޅުވީ މިކަމަކީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކާ ކަމަށާއި މިކަމަށް ޙައްލެއް ހޯދުމަށް ބާރުލާ މަސައްކަތް ކުރުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި އެކަމުގައި ސަރަޙައްދީ އެއްބައިވަންތަކަން ކޮންމެހެން ބޭނުން ކަމަށެވެ.

މޫސުމަށް ކުރިމަތިވާ އާދަޔާ ޙިލާފު ބަދަލުތަކާ ގުޅިގެން، ރާއްޖެފަދަ ކުދި އަދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ ރަށް ގިރުމާއި، ސާފު ބޯފެން ނެގުމުގެ ދަތިތަކުގެ މައްޗަށް ވެސް ނައިބު ރައީސް ވާހަކަފުޅު ދެއްކެވި އެވެ.