އުމުރުން ދެ އަހަރު ނުވާ އަންހެން ކުއްޖާ ރޭޕްކުރި އެ ކުއްޖާގެ މުނި ކާފަ އެހެން އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރި ވީޑިއޯއެއްގެ މައްސަލަ ތަހުގީގު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ފުލުހުންގެ އިދާރާއަށް އަންގަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ހިންވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ، ޕީޖީގެ އިސްނެންގެވުމުގެ މަތިން އެ މައްސަލަ ބަލަން ފުލުހުންނަށް އަންގަވާފައިވާ ކަމަށެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/މަޖިލިސް

މީސް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި އެ ކުއްޖާގެ މުނިކާފަ ވަނީ ޖިންސީ ގުޅުން ހިންގުމަށް އޭނާއާ އެކު ކޮޓަރިއަށް އައުމަށް ކުޑަ އަންހެން ކުއްޖަކަށް ދައުވަތު ދީފައެވެ. އަދި އެ ދައުވަތު ދިނުމުން އެ ކުއްޖާ ބިރުން ރޮމުން މަންމައަށް ގޮވާ އަޑުވެސް އިވެއެވެ.

އުމުރުން ދެ އަހަރު ނުވާ ކުޑަ ކުއްޖާ ރޭޕް ކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ކާފަ އާއި މުނިކާފަ އަދި އެ ކުއްޖާގެ ބައްޕަ މިއަދު ވަނީ ހައްޔަރުކޮށްފައެވެ.