ދެއަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އިހުމާލުވި މީހުން ހޯދުމުގެ މަސައްކަތް އެޗްއާރްސީއެމުން ފަށައިފި އެވެ.

ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަކަށް ޖިންސީ ގޯނާކުރި މައްސަލައާއި ގުޅިގެން އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި އެކަން ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފަ އެވެ.

"ގއ. ކަނޑުހުޅުދޫއަށް ނިސްބަތްވާ އުމުރުން އެންމެ 1 އަހަރާ 9 މަހުގެ ތުއްތު ކުއްޖަކަށް އެކުއްޖާގެ އާއިލާގެ ބައެއް މެމްބަރުންގެ ފަރާތުން ޖިންސީ ގޯނާކުރި މައްސަލައަކީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާ މައްސަލައެއް. އަދި މި ލާއިންސާނީ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މި އަމަލު ހިންގި ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލަން." އެޗްއާރުސީއެމުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ އެކުއްޖާ ދިރިއުޅުނު މާހައުލުގައި އުޅޭ އެހެން ކުދިންނަކީ އެފަދަ ދަށު ދަރަޖައިގެ އަމަލުތަކުން ރައްކާތެރިވެފައިވާ ކުދިންތޯ ކަށަވަރު ކުރަން އެޗްއާރްސީއެމުން ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގާފަ އެވެ.

ހަމައެއާއެކު މި މައްސަލައިގައި ފިޔަވަޅު ނާޅައި ތިބޭ ފަރާތްތައް ހޯދަން ތަހުގީގު ކުރާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.

"މި ލާއިންސާނީ ދަށު ދަރަޖައިގެ، އަނިޔާވެރި އަމަލު ހިންގާކަން އެނގި ތިބެ، އެކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ނާޅައި އިހުމާލުވި ފަރާތްތަކާއި މުއައްސާސަތައް ހޯދުމުގެ ތަހުގީގު މި ކޮމިޝަނުން މިހާރު ވަނީ ފަށާފައި. އަދި ބުނެވިދިޔަ މައްސަލައިގައި މުއައްސާސަތަކުން އަމަލު ކުރަމުންދާ ގޮތް މި ކޮމިޝަނުން ވަރަށް ގާތުން ދަނީ ބަލަމުން." ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ތުހުމަތު ކުރެވޭ އެ ކުއްޖާގެ ބައްޕަ ހޯދަން ފެށުމުން އޭނާ ވަނީ ފިލައިގެން ހުޅުމާލެއަށް އައިސްފަ އެވެ.

ނަމަވެސް އޭނާ ހުރި ގޭގެ މައުލޫމާތު ލީކުވުމުން، މިއަދު މެންދުރުން ފެށިގެން އޭނާ ހައްޔަރު ކުރުމަށް ގޮވާލައި، އާންމުން ދަނީ އެ ސަރަހައްދުގައި މުޒާހަރާ ކުރަމުންނެވެ.

ޖިންސީ ގޯނާގެ ޝިކާރައަކަށްވި ދެ އަހަރުގެ ކުއްޖާގެ ބައްޕަ ފިލައިގެން އުޅޭ ހުޅުމާލެ ފްލެޓް ކައިރީ އިހްތިޖާޖު ކުރަނީ --- ސަން ފޮޓޯ/ ޝަފްނާ ހުސައިން

މި މައްސަލާގައި އެ ކުއްޖާގެ ކާފައާއި މުނިކާފަ ވެސް މިއަދުގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފަ އެވެ.

މި މައްސަލަ މީގެ ކުރިން ފުލުހުންނާއި ޖެންޑާ މިނިސްޓްރީއަށް ހުށަހެޅި ކަމަށާއި ނަމަވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އެ ރަށު މީހުން ބުނެ އެވެ.