ދެކުނުގެ ރަށެއްގައި ބައްޕަ އާއި ކާފަ އަދި މުނިކާފަގެ ފަރާތުން ޖިންސީ ގޯނާ ލިބުނު އުމުރުން ދެ އަހަރުގެ އަންހެން ކުއްޖާ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ޖެންޑާ މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ދެކުނުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓު އެ މިނިސްޓްރީ އަށް ލިބިފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށެވެ.

ކަމާ ބެހޭ މުވައްސަސާތަކާއެކު ކުރި މަސައްކަތުން އެނގުނީ އެކުއްޖާ އަށް ޖިންސީ އަނިޔާ ލިބިފައިވާ ކަން ކަމަށާއި އެ ކުއްޖާ އަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ޖެންޑާ މިނިސްޓްރީ އިން ބުންޏެވެ.

"އެ ކުއްޖަގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ މަޝްވަރާ އާއެކު އެ ކުއްޖާ ވަނީ އާއިލާ އިން ވަކި ކުރެވި ރައްކާތެރި މާހައުލަކަށް ބަދަލު ކުރެވިފަ އެވެ،" އެ މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ޖެންޑާ އިން ބުނީ އެ މައްސަލަ ފުލުހުންނާ ގުޅިގެން ބަލަމުންދާ ކަމަށެވެ.

މި މައްސަލަ ރިޕޯޓު ކުރިތާ ތިން ދުވަސް ފަހުން މައްސަލަ އާ ގުޅިގެން ކުއްޖާގެ ކާފަ އާއި މުނި ކާފަ މިއަދު ހަވީރު ވަނީ ހައްޔަރު ކޮށްފަ އެވެ.