17 Jan 2020, 14:58
ޖިންސީ ގޯނާ އާއި ދެކޮޅަށް މާލޭގައި މިއަދު ސުލްހަވެރި އެއްވުމެއް ބާއްވަން ނިންމައިފި އެވެ.
ދެކުނުގެ ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އެކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަގެ ފަރާތުން ޖިންސީ އަނިޔާ ލިބުނު މައްސަލަ ފެންމަތިވެފައިވަނިކޮށް މާލޭގައި މިއަދު ހަވީރު އެއްވުމެއް ބާއްވަން ނިންމާފައިވަނީ ޖެންޑާ މިނިސްޓްރީ ކުރިމަތީގަ އެވެ.
މިއަދު 4:00ގައި ފަށާ މި ސުލްހަވެރި އެއްވުމަކީ ކުޑަކުދިންނަށް ޖިންސީ އަނިޔާ ލިބެމުންދާއިރު، އެކަމާމެދު ފިޔަވަޅު އެޅުން ލަސްވެ، ކުދިންނަށް ލިބޭ މިފަދަ އަނިޔާތަކާމެދު މުޖުތަމައުން ބަސްބުނުން ލަސްވާތީ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ބާއްވާ އެއްވުމެކެވެ.

މި އެއްވުމަކީ ކުޑަކުދިންނަށް ލިބޭ އަނިޔާ އާއި ދެކޮޅަށް ބާއްވާ އެއްވުމަކަށް ވާއިރު، މި އެއްވުމުގައި ބޭއަދަބީ ބަސްތައް ބޭނުން ނުކުރުމަށާއި ހަމަނުޖެހުން ނުހިންގުމަށް އެއްވުން އިންތިޒާމުކުރާ ފަރާތުން އެދެއެވެ.
ދެކުނުގެ ރަށެއްގައި ކުޑަ ކުއްޖާ ރޭޕުކުރި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. އެ މައްސަލާގައި ޝާމިލުވާ ކުއްޖާގެ ކާފަ އާއި މުނި ކާފަ އަކީ މީގެ ކުރިންވެސް އެކި ފަހަރު މަތިން ކުޑަކުދިންނާ ބެހިފައިވާ މީހުން ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.
ނަމަވެސް އެ ދެ މީހުންނާމެދު އެއްވެސް ފިޔަވަޅެއް މީގެ ކުރިން އަޅާފައި ނުވާތީ، އެ ކަމާ ކަންބޮދުވުން ފާޅުކޮށް ގިނަ ބަޔަކު ދަނީ ވާހަކަ ދައްކަމުންނެވެ.
މި ހާދިސާ ހިނގި ރަށުގައިވެސް މިއަދު ހަވީރު އެއްވުމެއް ބާއްވަން ނިންމާފައިވާކަމަށް އެނގިފައިވެއެވެ.