ދެކުނުގެ ރަށެއްގައި އުމުރުން ދެ އަހަރުގެ ކުޑަ ކުއްޖާ އަށް ޖިންސީ އަނިޔާ ކުރި އެ ކުއްޖާގެ މުނިކާފަ މީގެ ކުރިން ފަސް އަހަރުގެ އަންހެން ކުއްޖަކާ ބެހުނުކަމަށް ތުހުމަތު ވެގެން، އެ މައްސަލަ ކަމާބެހޭ ފަރާތުން ބެލިކަން އެނގިއްޖެ އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މީގެ 10 ވަރަކަށް ދުވަސް ކުރިން އެ މައްސަލަ ފެންމަތިވެ، ޖެންޑާ މިނިސްޓްރީގެ ޓީމެއް ރަށަށް އައި ކަމަށެވެ. އަދި އެ މީހާގެ ފަރާތުން ކުއްޖާ އަށް ކުރިމަތިވި ކަންތައް ކުއްޖާ ލައްވާ ކުރެހުވި ކަމަށްވެސް މައުލޫމާތު އެނގޭ، އެރަށުގެ މީހަކު ކިޔައިދިނެވެ.

އެ މައްސަލަ އާއި ގުޅިގެން ތުހުމަތު ކުރެވޭ އުމުރުން ދުވަސްވީ މީހާއާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"މީގެ ދެތިން މަސް ކުރިން އެހެން އަންހެން ކުއްޖަކަށްވެސް އޭނާގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވި. އެއްވެސް ފަރާތަކުން ފިޔަވަޅެއް ނާޅާ،" އޭނާ ބުންޏެވެ.

އޭނާ އަދި ބުނީ، އެކިފަހަރު މަތިން ކުޑަ އަންހެން ކުދިންނަށް ޖިންސީ ގޯނާކުރި އެމީހާ އާމެދު ކުރިން ފިޔަވަޅު ނޭޅުމަކީ މުވައްސަސަތައް ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.

މި މައްސަލާގައި ޖެންޑާ މިނިސްޓްރީ އިން ރޭ ބުނީ ކުޑަ ދެ ކުއްޖަކާމެދު ޖިންސީ އަނިޔާ ކުރި ދެ މައްސަލައެއް ހުށަހެޅި ބަލަމުންދާ ކަމަށެވެ.

"އެކަން ސިއްރުކޮށްގެން ރަށުގެ މީހުން ތިބީ. ދެ އަހަރުގެ ކުއްޖާ އަށް އެ ހާދިސާ ދިމަވީމާ، ކުއްޖާގެ މަންމަގެ އާއިލާގެ މީހުން އެކަމާ ދެކޮޅަށް ވާހަކަ ދައްކަން ފެށުމުން މި ހުރިހާ މައްސަލައެއްގެ އަޑު މިހާރު ގަދަވެގެން އުޅެނީ،" ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެރަށުން ވާހަކަ ދެއްކި މީހާ ބުނީ ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރާ މީހުންނާމެދު ފިޔަވަޅު ނަޅާ ލަސްވާތީ، އެކަމާ ދެކޮޅަށް މިއަދު އެރަށުގައި މުޒާހަރާކޮށް އަޑު އުފުލަން ތައްޔާރުވެފައިވާ ކަމަށެވެ.

ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކަށް އެކުއްޖާގެ ކާފަ، މުނިކާފަ އަދި ބައްޕަގެ ފަރާތުން ޖިންސީ އަނިޔާ ލިބުނު މައްސަލަ އެއް ފެންމަތިވެފައިވާއިރު، އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

މި ހާދިސާގައި ޝާމިލުވާ ކުއްޖާގެ ކާފަ އަކީ ރަށުގެ މުދިމެވެ. އޭނާ އަކީ އަންހެން ކުދިންނަށް ފައިސާ ދީގެން ޖިންސީ ގުޅުން ހިންގާ މީހެއްކަމަށް ރަށުން ވާހަކަ ދެއްކި ފަރާތުން ބުންޏެވެ.

މީގެ ކުރިންވެސް އެ ރަށުގެ މުދިމެއް ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވިއިރު، އޭނާ އަކީ މި އާއިލާ އާއި އާއިލީ ގުޅުން އޮންނަ މީހެއްކަމަށް އެނގިފައިވެ އެވެ.