17 Jan 2020, 14:13
މިއަދު ދުނިޔެމަތީގައި ހޯދާ ހަރާމް ފައިސާއާއި މުދަލުން ލިބޭނެ މޮޅެއް ނެތް ކަމަށާއި އެއީ ވަގުތީ ހިތްހަމަޖެހުމެއް ކަމަށް ޒިމްބާބްވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް ވިދާޅުވެއްޖެއެވެ.
މިއަދު އިސްލާމީ މަރުކަޒުގައި މެންކް އިއްވި ހުކުރު ހުތުބާ ބިނާކުރެއްވީ ހަލާލު ގޮތުގައި މުދާ ހޯދުމާ ބެހޭގޮތުންނެވެ.
މުފްތީ މެންކް ވިދާޅުވީ، އާހިރަތެއް އޮތްކަން ހަނދުމަށްކޮށް، ހަލާލު ގޮތުގައި މަސައްކަތްކޮށް، އެތަކިތި ހެޔޮގޮތުގައި ބޭނުންހިފަން ޖެހޭ ކަމަށެވެ. އަދި ގިޔާމަތް ދުވަހުން މުދާ ހޯދި ގޮތާ މެދު މާތްﷲ ސުވާލުކުރައްވާނެ ކަމަށާއި، އެދުވަސް އަންނާނެކަން ހަނދުމަކޮށް، މާތްﷲ އަންގަވާފައިވާ ގޮތަށް މިއަދު ދުނިޔެމަތީގައި އަމަލުތައް ބެހެއްޓުން މުހިންމު ކަމަށެވެ.
"ހަނދުމަފުޅު ބަހައްޓަވާތި މިއަދު ހަރާމް ގޮތުގައި އެއްޗެއް ހޯއްދަވައިގިން ލެބޭނެ މޮޅެއް ނޯންނާނެ. އެއީ ވަގުތީ އުފަލެއް. އެހެންވެ އިސްލާމްދީންވެސް އަބަދުވެސް ކޮރަޕްޝަނާ ހަރާމް ގޮތުގައި ހޯދާ ތަކެއްޗާ ދެކޮލަށް ވާހަކަ ދައްކަނީ،" ދެވަނަ ފަހަރަށް އިސްލާމީ މަރުކަޒުގައި މުފްތީ މެންކް ދެއްވި ހުތުބާގައި އޭނާ ވިދާޅުވިއެވެ.

މްފްތީ މެންކް ހުކުރު ހުތުބާ ދެއްވަނީ: ހަރާމް ގޮތުގައި ހޯއްދަވާ ފައިސާ އިން ލިބޭނެ މޮޅެއް ނެތް ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭނާ ވިދާޅުވީ، މިއަދު ދުނިޔެ މަތީގައި ހަރާމް ގޮތުގައި ހޯދާ ފައިސާއާއި މުދަލުން އާހިރަތުގައި ފައިދާއެއް ނުކުރާނެ ކަމަށާއި އަދި މާތްﷲ އެފަދަ މީހުންގެ މުދާލާއި ފައިސާ ވަގުތު ޖެހުމުން ގެންދަވާނެ ކަމަށެވެ.
އެއާއެކު މުފްތީ މެންކް މިސާލު ޖެއްސެވީ މޫސާގެފާނުގެ ޒަމާނުގައި އުޅުނު ގާރޫނު ނެތިގެން ދިޔަ ގޮތުގެ ވާހަކައިންނެވެ. އޭނާއަށް މާތްﷲ މުއްސަދިކަން ދެއްވި ނަމަވެސް އެ މުއްސަދިކަމުން އޭނާ ފޮނިވެ، ބޮޑާވި ކަމަށާއި އެއީ އޭނާގެ އަމިއްލަ މަސައްކަތުން ހޯދި މުދަލުގެ ގޮތުގައި ދެކުނުކަމަށް މެންކް ވިދާޅުވިއެވެ. އެފަދަ ފޮނި، ބޮޑާ މީހުން ދެކެ މާތްﷲ ލޯބިވެވޮޑިގެން ނުވާކަމަށް މެންކް ވިދާޅުވިއެވެ.
ހަލާލު ގޮތުގައި މުއްސަނދިވާ މީހުންވެސް ހިތްތެރިވެރި އޯގާތެރިވާންވާނެ ކަމާށާއި މާތްﷲ ބާރެއް ނުވަތަ މުދާވެރިކަން ދެއްވުން އެއަށް ކިބުރުވެ ބޮޑާވެރިވެގެން ނުވާނެކަމަށް މުފްތީ ވިދާޅުވިއެވެ.
"ގާރޫނު އެކަން ހަނދާން ނައްތާލި. އެހެންކަމުން މާތްﷲ ވަރުގަދަ ފިލާވަޅެއް އޭނާއަށް ދެއްވި. އެ އިބުރަތްތެރި ފިލާވަޅަކީ އޭނާއަށް އެކަނި ދެއްވި ފިލާވަޅެއް ނޫން. މުޅި އުންމަތަށް ދެއްވި ފިލާވަޅެއް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެވަޑައިގެން އަޑުއައްސަވަން އިންނެވި ހުތުބާގައި މުފްތީ މެންކް ވިދާޅުވިއެވެ.

ހުކުރު ނަމާދުަގައި ރައީސް ސޯލިހާއި ނައިބު ރައީސް --- ސަން ފޮޓޯ
މުފްތީ މެންކް ވިދާޅުވީ، މާތް ﷲ ދެއްވާ މުދާ ހެޔޮ ގޮތުގައި ބޭނުން ހިފައި، ޝުކުރުވެރިވާން ޖެހޭ ކަމަށެވެ. އެ މުދާ ހިފައިގެން އާހިރަތަށް ނުދެވޭނެ ކަމަށާއި ދުނިޔޭގައި އުޅޭއިރު އެމުދަލުންނަށް ފަގީރުންނަށްވެސް ހޭދަކުރުމަށް މާތްﷲ އަންގަވާފައިވާ ކަމަށް މުފްތީ މެންކް ވިދާޅުވިއެވެ.
އާހިރަތެއް އޮތްކަން އބަދުވެސް ހަނދުމަކޮށް، ހެޔޮ އަމަލު ގިނަކުރުމަށް މުފްތީ މެންކް ގޮވާލިއެވެ. އަދި މިއަދު ދުނިޔޭގައި ކުރާ ހެޔޮ އަމަލުން އާހިރަތް ބާޖަވެރި ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.