ނިއުދިއްލީން: މުހައްމަދު ޝާން

އަންނަ ހުކުރު ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕް ގައި ނޭޕާލް ޓީމުން ކުޅޭ ފުރަތަމަ މެޗުގައި ރާއްޖެ އާއި ދެކޮޅަށް ނުކުންނާނީ މާޒީ ތަކުރާރު ވިޔަ ނުދިނުމަށް ކަމަށް އެޓީމުގެ މިޑްފީލްޑަރު ބިރާޖް މަހަރްޖާން ބުނެފިއެވެ.

އެންމެ ފަހުން ބަންގްލަދޭޝް ގައި ބޭއްވި މުބާރާތުގައި ވެސް ނޭޕާލް އާއި ދިވެހިރާއްޖެ ހިމެނުނީ އެއް ގްރޫޕެއްގައެވެ. އެ މުބާރާތުގެ ގްރޫޕް ސްޓެޖުގައި ކުޅުނު މި ދެޓީމު ކުޅުނު މެޗު ނިމިގެން ދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ނަމަވެސް ނޭޕާލް އަށް ވަނީ އެމުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓާފަ އެވެ.

"އެންމެ ފަހުގެ މުބާރާތުގައި އަހަރެމެންގެ ކޮޅަށް ރާއްޖެ އިން ލަނޑު ޖެހީ އަހަރެމެންނަށް ހެދުނު ގޯހަކުން. މިފަހަރު އެ ކުށް ތަކުރާރު ވިޔަ ނުދޭން އަހަރެމެން މަސައްކަތް ކުރާނަން. މުބާރާތަކީ ފުރުސަތެއްގެ އިތުރުން ވާދަވެރި ކަމެއް. ފުރަތަމަ މެޗަކީ ކޮންމެ ޓީމަކަށް ވެސް މުހިންމު ވާނެ މެޗެއް. ރާއްޖެ އަތުން މޮޅުވާނެ އަހަރެމެން ބުރަ މަސައްކަތެއް ކުރާނަން." މަހަރްޖާން ބުންޏެވެ.

1984 ވަނަ އަހަރުގެ ފަހުން ނޭޕާލް އާއި ރާއްޖެ އާއި ކުޅެފައިވަނީ ބައިނަލްއަގްވާމީ ދިހަ މެޗެވެ. އެ ދިހަ މެޗުގެ ތެރެއިން ނޭޕާލް ހަތަރު މެޗުން މޮޅުވި އިރު، ރާއްޖެ މޮޅު ވެފައިވަނީ ހަތަރު މެޗުން ނެވެ. އަނެއް ތިން މެޗު ނިމިގެން ގޮސްފައި ވަނީ އެއްވަރު ވެގެންނެވެ. އެހެންކަމުން ހުކުރު ދުވަހު މި ދެޓިމު ބައްދަލުކުރާ މެޗަކީ ދެޓީމަށް ތާރީޚީ ގޮތުން ވެސް މުހިންމު ވެގެންދާނެ މެޗެކެވެ.