ދެކުނުގެ ރަށެއްގައި އުމުރުން ދެ އަހަރުގެ ކުޑަ އަންހެންކުއްޖަށް ޖިންސީ އަނިޔާކޮށް "ރޭޕް" ކުރި މައްސަލާގައި އަދިވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

ދެކުނުގެ ރަށެއްގައި ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކޮށްފައިވާ ކަމުގެ މައްސަލައެއް ފެންމަތިވީ އިއްޔެ އެވެ. ނަމަވެސް އެ ހާދިސާ ހިނގީ މީގެ ހަފްތާއެއްހައި ދުވަސް ކުރިން ކަމަށް އެނގިފައިވެ އެވެ.

ކުޑަކުއްޖާ އަށް ޖިންސީ އަނިޔާ ކޮށްފައިވަނީ ކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ އެވެ.

ކުއްޖާގެ މުނިކާފަ އާއި ކާފަ އަކީ ފައިސާ ދީގެން ކުޑަ އަންހެންކުދިން އެގެއަށް ގެންގޮސް އެކުދިންނާ ޖިންސީ އަމަލު ހިންގާ ބަޔެއް ކަމަށް އެނގިފައިވެ އެވެ.

އޭގެތެރެއިން އެކަކު މީގެ ކުރިން ހަމަހުގެ އަންހެން ކުއްޖަކާ ބެހުނުކަމުގެ އަޑުތައްވެސް ރަށު ތެރޭގައި ފެތުރުުނުކަމަށް އެރަށުގެ މީހަކު ބުންޏެވެ.

އުމުރުން ދެ އަހަރުން ފެށިގެން ނުވަ އަހަރާ ދެމެދުގެ ކުދިންނަށް އޭނާ ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް އެރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.

ފުލުހުން ބުނީ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ހުށަހެޅުނީ ބުދަ ދުވަހު ކަމަށެވެ.

އެ ހާދިސާ ރިޕޯޓުކުރިތާ ތިން ދުވަސް ވީއިރުވެސް ހާދިސާ އާއި ގުޅުންހުރި ތިން މީހުންވެސް މިނިވަންކަމާއެކު އުޅޭތީ އެކަމާމެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.