17 Jan 2020, 11:23
ގިނަ އަދަދެއްގެ ފައިސާތަކެއް ހުރި ވޮލެޓެއް އާންމު ފަރާތަކުން މަގުމަތިން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކުރުމުން، އޭގެ ވެރިފަރާތަށް ފުލުހުން އެ ވޮލެޓް ރައްދުކޮށްދީފި އެވެ.
ފުލުހުން މިއަދު ބުނީ، މަގުމަތިން ހޮވަި އެ ވޮލެޓެއް ގަލޮޅު ޕޮލިސް ސްޓޭޝަނާ ހަވާލު ކުރިއިރު، އެ ވޮލެޓްގައި 25،000 ރުފިޔާ އާއި 1،425 ޓާކާ (260 ރުފިޔާ) ހުރި ކަމަށް ފުލުހުން ބުންޏެވެ.
"ވޮލެޓު ގެ ވެރިފަރާތް ހޯދާ ވޮލެޓް ވަނީ ވެރިފަރާތާ ހަވާލުކޮށްފައި،" ފުލުހުން ބުންޏެވެ.
ފުލުހުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ފައިސާގެ އިތުރުން ބަންގްލަދޭޝްގެ އައިޑީކާޑަކާއި ވޯކް ޕާމިޓް އަދި ދިވެހި ލައިސެންސެއް އެ ވޮލެޓު ތެރޭ ހުރި އެއްޗެހި ތެރޭގައި ހިމެނެ އެވެ. ބެލެވޭ ގޮތުގައި އެ ވޮލެޓްގެ ވެރިފަރާތަކީ ބަންގްލަދޭޝްގެ ރައްޔިތެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، އެ ވޮލެޓުގެ ވެރިފަރަތާކީ ބިދޭސީ މީހެއް ކަމަށެވެ.
ވޮލެޓް ތެރޭގައި ކިއު ނަންބަރެއްވެސް އޮތެވެ.
ގިނަ އަދަދެއްގެެ ފައިސާތަކެއް ބަންގްލަދޭޝަށް ނިސްބަތްވާ މީހެއްގެ ވޮލެޓުން ފެނުނު އިރު، ބިދޭސީން ގަވާއިދާ ހިލާފަށް އުޅުމާއި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރުމަކީ ރާއްޖޭގައި ބޮޑު މައްސަލައެކެވެ.
އެމީހުން އަތުން ބޮޑެތި އަދަދުން ފައިސާ ނެގުމަށްފަހު، އެމީހުން މަގުމަތިކޮށްލާ މައްސަލައަކީވެސް ބޮޑު މައްސަލައެކެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދުގެ ތެރެއަށް ވެއްދުމަށްޓަކައި ސަރުކާރުން ވަނީ އެ މީހުންނަށް ދެވަނަ ފުރުސަތު ދިނުމުގެ ގޮތުން "ރެގިއުލަރައިޒޭޝަން" ޕްރޮގްރާމެއް ފަށާފަ އެވެ. އެ ޕްރޮގްރާމްގައި ބައެއް މީހުންނަށް ވަނީ ކިއު ނަންމަބަރުތައްވެސް ދޫކޮށްފަ އެވެ.