ނިއުދިއްލީން: މުހައްމަދު ޝާން

އަންނަ ހުކުރު ދުވަހު އިންޑިޔާގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އިންޑިޔާ ގައުމީ ޓީމު އަމިއްލަ ފަސްގަނޑުގައި ކުޅެ ޒެމްބިއާ އަތުން ލިބުނު ބޮޑު ނާކާމިޔާބީ އަށް ފަހު އެޓީމު ކުޅުންތެރިންގެ އަޒުމަށް އެއްވެސް ބަދަލެއް އަންނާނެ ކަމަށް ގަބޫލު ނުކުރާކަމަށް އެޓީމުގެ ކޯޗު ސަވިއޯ މަދެއިރާ ބުނެފި އެވެ.

"ޒެމްބިއާ ޓީމަކީ ވަރުގަދަ ޓީމެއް އަދި ރޭންކިންގެ ގޮތުން ވެސް އެމީހުން އުޅެނީ އިންޑިއާ އަށް ވުރެ ކުރީގައި. އެޓީމުގެ ކުޅުން ވަރަށް ރަނގަޅު. މި ތަޖުރިބާ ގެ ސަބަބުން ޓީމަށް ކުރާނީ ފައިދާ. ކުޅުންތެރިންގެ އަޒުމަށް ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވޭ." އިންޑިއާ ގެ ކޯޗު މަދެއިރާ ބުންޏެވެ.

ޒެމްބިއާ ކަހަލަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ކުޅުމަށް ފަހު ސާފް ޗެމްޕިއަންޝިޕްގައި އެންމެ ވާދަވެރި ޓިމުތަކާއި ދެކޮޅަށް ނުކުމެ ކާމިޔާބީ ހޯދަން ފަސޭހަވާނެ ކަމަށް ވެސް ކޯޗް މަދެއިރާ ބުނެފައި ވެއެވެ.

"ޒެމްބިއާ ދެއްކި ކުޅުން ވަރަށް ރަނގަޅު. އެމީހުންގެ ކުޅުން އަދި ޓެކްނިކަލް ގޮތުން ވެސް ވަރަށް މޮޅު. މިކަހަލަ މޮޅު ޓީމަކާއި ދެކޮޅަށް ކުޅުމަށް ފަހު މުބާރާތުގެ ވާދަވެރި ޓީމުތަކުގެ ކައިރިން ރަނގަޅު ކާމިޔާބީ އެއް ހޯދަން ފަސޭހަ ވެގެންދާނެ. މިއީ ރަނގަޅު ތަޖުރިބާ އެއް." ކޯޗް މަދެއިރާ ބުންޏެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އަންނަ މަހުގެ ދެ ވަނަ ދުވަހު މުބާރާތް ފަށާއިރު، މުބާރާތުގައި އިންޑިއާ ހިމެނެނީ ގްރޫޕް އޭ ފަޅީގަ އެވެ. ގްރޫޕް އޭ ގައި ހިމެނޭ އަނެއް ޓިމުތަކަކީ އަފްޣާނިސްތާނާއި ސްރީލަންކާ އަދި ބޫޓާން އެވެ. ގްރޫޕް ބީގައި ހިމެނެނީ ހިމެނެނީ ދިވެހިރާއްޖެ އާއި ނޭޕާލް އާއި ބަންގްލަދޭޝް އަދި ޕާކިސްތާން އެވެ.

މުބާރާތަށް އެންމެ ކާމިޔާބު ޓީމު ކަމަށްވާ އިންޑިޔާ ކުޅޭ ފުރަތަމަ މެޗު އޮތީ އަންނަ ހޮނިހިރު ދުވަހު އަފްޣާނިސްތާނާއި ދެކޮޅަށެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ހަވީރު 5:30 ގަ އެވެ. އެދުވަހު މެންދުރު 2:30 ގައި ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައި ވެއެވެ. އެމެޗުގައި ބައްދަލުކުރާނީ ސްރީލަންކާ އާއި ބޫޓާން އެވެ.