01 Dec 2011, 11:05
އިންޑިއާގެ ވިޔަފާރި ކުންފުނި ޖީއެމްއާރުން ހިންގާ އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ އަންނަ 2012 ވަނަ އަހަރުގެ އާމްދަނީ 320 މިލިއަން ޑޮލަރު (4,934.4 މިލިއަން ރުފިޔާ) އަރާނެ ކަމަށް ޖީއެމްއާރު ކުންފުނިން ބުނެފި އެވެ.
ޖީއެމްއާރުގެ ޗީފް ފައިނޭޝަލް އޮފިސަރު ސިދާރަތު ކަޕޫރު ސީއެންބީސީ އަށް ދެއްވި އިންޓަވިއުއެއްގައި އިއްޔެ ވިދާޅުވީ އަންނަ އަހަރު ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ އިންޓަނޭޝަނަލް ފަސިންޖަރެއްގެ އަތުން، އެއާޕޯޓް ޑިވެލަޕްމަންޓް ޗާޖު (އޭޑީސީ)ގެ ގޮތުގައި ނެގުމަށް ކަނޑައަޅާފައިވާ 25 ޑޮލަރާ އެކު، އޭޑީސީގެ ގޮތުގައި އަންނަ އަހަރު 25 މިލިއަން ޑޮލަރު ލިބޭނެ ކަމަށާއި އަދި އަދި އެއާޕޯޓުން ލިބޭ އެ ނޫން އާމްދަނީތަކާ އެކު އަންނަ އަހަރުގެ ޖުމްލަ އާމްދަނީ 320 މިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.
އެއާޕޯޓް ތަރައްގީ ކުރުމުކާ ނުލައި އަންނަ އަހަރުން ފެށިގެން އެއާޕޯޓުން ފުރާ، ދެ އަހަރުން މަތީގެ ކޮންމެ ފަސިންޖަރެއްގެ އަތުން 25 ޑޮލަރު ނެގުމަށް، ސަރުކާރުން ހުއްދަދީ، ޖީއެމްއާރުން ކަނޑައަޅާފައިވާ މައްސަލައާ ދެކޮޅަށް ގައުމީ ޕާޓީން ކޯޓަށް ވައްދާފައިވާ މައްސަލައާ ބެހޭ ގޮތުން ސީއެންބީސީގެ ރިޕޯޓަރު ސުވާލު ކުރުމުން ކަޕޫރު ވިދާޅުވީ އެކަން ރަސްމީކޮށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
"އެއީ ހަމައެކަނި ރާއްޖޭގެ މީޑިއާގައި ފެންމަތިވެގެން އުޅޭ މީޑިއާ ރިޕޯޓް. އެއާ އެކު މައުލޫމާތު ލިބޭ މައްސަލައެއް ]ކޯޓްގައި[ ފައިލް ކުރި ކަމަށް،" ކަޕޫރު ވިދާޅުވި އެވެ." ރާއްޖޭގެ ރަޖިސްޓްރާގެ އޮފީހުން ވެސް މައްސަލައެއް ފައިލް ކުރިކަން އަޅުގަނޑުމެންނަކަށް އެނގިފައެއް ނެތް،"
ކަޕޫރު ވިދާޅުވީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ ބީލަމުގެ މަރުހަލާ ދިޔައީ އައިއެފްސީ، ވޮޝިންޓަން މެދުވެރިކޮށް ދެފުށް ފެންނަ ގޮތަށް ކަމަށެވެ.
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ބީލަމަށް ހުޅުވާލުމުން އަށް ފަރާތަކުން ކުރިމަތިލި އެވެ. އަދި އޭގެތެރެއިން ހަތަރު ފަރާތެއް ޝޯޓް ލިސްޓްކޮށް، ޖީއެމްއާރަށް އެއާޕޯޓް 25 އަހަރަށް ހިންގަން ދިނީ، އެކޮނަމިކް މިނިސްޓަރު މަހަމޫދު ރާޒީ ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ފައިނޭޝަލް ހުށަހަޅުމެއް ހުށަހެޅީ އެ ކުންފުނިން ކަމަށްވާތީ އެވެ.
ކަޕޫރާއި ރާޒީ އެހެން ވިދާޅުވި އަސް، އެއާޕޯޓަށް ބީލަން ހުށަހެޅި ކުންފުނިތަކުން ހުށަހެޅި ހުށަހެޅުންތަކެއް އާންމުންނާ ހިއްސާކޮށްފައެއް ނުވެ އެވެ. އަދި ޑީލް ނިންމީ ބީލަމުގެ އުސޫލަށް ވުރެ ބޮޑަށް ވަކިން މަޝްވަރާ ކުރުމަށް ފަހު ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.
ކަޕޫރު ވިދާޅުވެފައިވާ ގޮތުގައި 25 ޑޮލަރުގެ ޗާޖަކީ އެއްބަސްވުމާ އެއްގޮތަށް ނަގާ އެއްޗެއް ކަމަށާއި އެ މައްސަލާގައި ރާއްޖޭގެ ސަރުކާރުން ޖީއެމްއާރާ އެކު އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އިންޑިިޢާގެ ދިއްލީ އެއާޕޯޓުން ޑިވޮލަޕްމަންޓް ޗާޖުގެ ގޮތުގައި ޖީއެމްއާރުން ނަގަން އުޅުނު ފައިސާ ސުޕްރީމް ކޯޓުން ވަނީ ހުއްޓުވައިފަ އެވެ. އަދި އަންނަ މަހުން ފެށިގެން 18 މަހަށް ޑިވެލަޕްމަންޓް ފީ ނެގުމުގެ ހުއްދަ ދިނީ އެއާޕޯޓް އެކޮނަމިކް ރެގިއުލޭޓަރީ އޮތޯރިޓީ އަށެވެ.