16 Jan 2020, 15:58
ދިވެހި ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން އެކުލަވައިލާ އަމަލުކުރަމުންދާ "ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014" އަށް އިސްލާހު ގެނައުމަށް އާންމު ރައްޔިތުންގެ ހިޔާލު ހުށަހަޅަން ހުޅުވާލައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސިވިލް ސާވިސް ގަވާއިފު މުރާޖައާކޮށް، އެ ގަވާއިދަށް އިސްލާހު ގެނައުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުން އަންނަ ކަމަށެވެ.
އަދި ސިވިލް ސާވިސްގެ ގަވާއިދަކީ އާންމު ރައްޔިތުންނާއި، ސަރުކާރުގެ އިދާރާތަކާއި ސިވިލް ސާވިސް މުވައްޒަފުންގެ ހައްގުތަކާއި މަސްލަހަތުތަކާ ގުޅުންހުރި ވަރަށް މުހިންމު ގަވާއިދެއްކަން ކޮމިޝަނުން ފާހަގަކުރެ އެވެ.
އަދި އެ ގަވާއިދަށް ގެނެވޭ އިސްލާހުތަކަކީ އެންމެހާ ރައްޔިތުން އަދި ވަކިން ހާއްސަކޮށް ސިވިލް ސާވިސްގެ މުވައްޒަފުންގެ ބިނާކުރަނިވި ހިޔާލާއި މަޝްވަރާއާ އެކު ގެނެވޭ އިސްލާހުތަކަކަށް ވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ކޮމިޝަނުން ބުނެ އެވެ.
އެހެންކަމުން ސިވިލް ސާވިސްގެ ގަވާއިދަށް ގެންނަން ފެންނަ އިސްލާހުތަކާ ގުޅޭ ހިޔާލުތައް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
މިގޮތުން، މިއަދުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށް، ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް ގެންނަން ފެންނަ އިސްލާހުތަކާ ގުޅޭ ހިޔާލުތައް އީމެއިލް އަދި ސިވިލް ސާވިސް ކޮމިޝަނުގެ ވެބްސައިޓު ނުވަތަ ސިޓީގެ ޒަރީއާއިން ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.