01 Dec 2011, 10:59
ސުނާމީގެ ސަބަބުން ރީތިރަށް ރިސޯޓަށް ލިބުނު ގެއްލުމާއި ގުޅިގެން އެ ރިސޯޓަށް ބަދަލެއް ދިނުމަށް އެލައިޑް އިންޝްއަރެންސް އަށް ލާޒިމް ކުރާނެ ގާނޫނީ ހަމައެއްނެތްކަމަށް ކުރީގެ މަދަނީ ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށް އިއްޔެ ހައިކޯޓުން ހުކުމްކޮށްފި އެވެ.
ހައިކޯޓުން އެގޮތަށް ހުކުމް ކުރެއްވީ މަދަނީ ކޯޓުގެ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ޚިލާފަށް ކޮށްފައިވާ ހުކުމެއްކަމަށް ބުނެ ރީތިރަށް ރިސޯޓުގެ ފަރާތުން މަދަނީ ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހުއެވެ.
ހައިކޯޓުގެ ހުކުމްގައި ބުނެފައިވަނީ އެ ރިސޯޓުން އެލައިޑް އިންޝުއަރެންސް ގެ ފަރާތުން "ކޮންޓްރެކްޓާސް އޯލް އިންޝުއަރެންސް ޕޮލިސީ" ނަގާފައިވާއިރު އެޕޮލިސީ ނެގި ފޯމްގެ "ސްޕެޝަލް ރިސްކް" ކިޔާ ސެކްޝަންގެ ބައެއް ކަންތައްތަކަށް "ޔޭސް" ޖަހާފައި ވީނަމަވެސް ސުނާމީ އާއި ދިމާލުގައި ޖަހާފައި ވަނީ "ނޯ" ކަމަށެވެ.
އަދި އެ ސެކްޝަންގައި ފާހަގަ ޖެހޭނީ ބޭނުންވާ ޚާއްސަ ރިސްކު ކަމަށް އެ ފޯމްގެ އެންމެ ފަހު ސޮފުހާއަށް ބެލުމުން އެނގޭ ކަމަށްވެސް އެހުކުމްގައި ވެއެވެ.
އިންޝުއަރެންސް ޕޮލިސީ ބިނާކުރެވޭނީ ޚިދުމަތް ހޯދާ ފަރާތުން ފޯމްގައި ހިމަނާ މައުލޫމާތު ތަކުގެ މައްޗަށް ބިނާކޮށްކަން އެންމެ އާދައިގެ މީހާއަށް ވެސް އެނގެން ޖެހޭނެކަމަށްވެސް ހައިކޯޓުން ކުރި ހުކުމްގައި ވެއެވެ.
"... ދެންފަހެ އިސްވެ ބަޔާންކުރެވުނު ގާނޫނީ އަދި ޝަރުއީ ސަބަބުތައް އެހެން ހުރުމާއި އެކު މަދަނީ ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމަށް ރީތިރަށް ރިސޯޓުގެ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެ ހުކުމަކީ ގާނޫނީ އަދި ޝަރުއީ ހަމަތަކާއި ޚިލާފަށް ކުރައްވާފައިވާ ހުކުމެއްކަމަށް ބަލާނެ ތަނެއް ނެތްކަމަށް މި މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާގު ވެވުނު ހިނދު އެ ހުކުމަށް ތާއީދުކޮށްފީމެވެ،" ހައިކޯޓުގެ ހުކުމްގައި ވެއެވެ.