ވ. ފޮތްތެޔޮ މުލި ސަރަހައްދުގެ ފަރެއް ކައިރިން ޒަހަމްތަކަކާއެކު ބިޑި އަޅުވާފައި އޮއްވާ ފެނުނު މީހާ، އަދިވެސް އޮތީ ގަލޮޅު ސަހަރާގެ ފިނިކޮށާރުގަ އެވެ. މިއަދަށް 21 ދުވަސްވީއިރު ވެސް ގަބުރުގެ ހަގީގަތް ހޯދޭ ގޮތް ވަނީ ނުވެފައެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލު ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ އެއީ ކާކުކަން ދެނެ ގަތުމަށް މިހާތަނަށް ވަރަށް ގިނަ މަސައްކަތްތަކެއް ފުލުހުން ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ގަބުރު ވަޅުނުލައި ބާއްވާފައި ވަނީ އެއީ ކާކުކަން އަދިވެސް ދެނެގަނެވިދާނެ ކަމަށް ބަލައިގެން ކަމަށެވެ. އެއީ ކާކުން ދެނެ ގަތުމަށް ސަރަހައްދުގެ ގައުމުތަކާއި އެ ގައުމުގެތަކުގެ ކަމާބެހޭ ފަރާތްކާ ގުޅައިގެން މިހާތަނަށް ކުރި މަސައްކަތުން އެކަން ކާމިޔާބުވެފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމީހާ ވަޅު ނުލައި އަދިވެސް މޯޗަރީގައި [ގަބުރު ރައްކާކުރާ ކޮށާރު] ބާއްވާފައި އެ އޮތީ ކާކުކަން ދެނެގަތުމަށްޓަކައި. އެކަމަށް ވަރަށް ގިނަ މަސައްކަތް ކުރެވިއްޖެ އަދި މިހާރުވެސް މިދަނީ ކުރަމުން،" ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ގަބުރުގެ ހަގީގަތް ދެނެގަތުމުގެ މަސައްކަތް ދޫކޮށް ނުލައި އަދިވެސް އިތުރަށް ބަލާނެ ކަމަށާއި އެގޮތުން ރާއްޖޭގެ ރިސޯޓްތަކާއި ސިނާއީ ރަށްރަތަކަށް އެކަމާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތު ހިއްސާ ކުރުމަށް އެދިފައިވާއިރު އެހެން ގައުމުތަކުން ވެސް ހަބަރެއްވޭތޯ ބަލަމުން އަންނަ ކަމަށެވެ.

ފޮއްތެޔޮ މުލީ ކައިރިން ދަތުރި ކުރި ދޯންޏަކަށް ފެނުނު ގަބުރުގެ މާލެ ގެނެސް، އާ ސަހަރާއަށް ގެންދިއުމަށް ފަހު، ގަލޮޅު ސަހަރާގެ ފިނިކޮށާރަށް ބަދަލުކޮށްފައި ވަނިކޮށް އާންމުންގެ ބަޔަކު އެ ސަރަހައްދަށް އެއްވެ، މަރުގެ ހަގީގަތް އޮޅުން ފިލުވައި ޕޯސްޓްމޯޓަމް ހަދާފައި ނޫނީ ވަޅުނުލުމަށް އަޑު އުފުލައި މުޒާހަރާ ކޮށްފައި ވެއެވެ. އަދި އެމީހާ އަކީ ސަރުކާރުގެ ތަހުގީގު ޖަލު، ދޫނިދޫގައި ފުލުހުން މަރާލާފައިވާ މީހެއް ކަމަށް ޝައްކު ވެސް އުފައްދާފައިވެއެވެ.

އަނިޔާކޮށް ބިޑިއަޅުވާފައި އޮއްވާ ފެނުނު ގަބުރަކީ އިސްކޮޅުން ދިގު، ބިޔަ، ހިސާބަކަށް ތުނބުޅި ހުރި އަދި ގައިގައި ވެސް ވަރަށް ގިނައިން އިސްތަށި ހުރި ފިރިހެނެކެވެ. ހިތާނުވެސް ކޮށްފައި ނުވާ އެ މީހާގެ ކަނާތު ފައިގެ ކަށިމަތިން ބިނދިފައިވާއިރު ބިޑި އެޅުވުމުގެ ސަބަބުން ދެ އަތުގެ ކުޑަހުޅު މަތީގައި ޒަހަމްތައް ހުއްޓެވެ.

ފުލުހުން މިހާތަނަށް ބުނެފައި ވަނީ އެއީ ދިވެއްސެއް ކަމަށް ވެސް ނުބެލެވޭ ކަމަށާއި ލަފާ ކުރެވެނީ ބޯޓެއްގެ ތެރޭގައި "ކްރިމިނަލް ވަޔަލެންސްގެ ކަންތައްގަނޑެއް"ގެ ތެރެއިން ހިންގާފައިވާ ކަމެއް ކަމަށެވެ.

ގަލޮޅު ސަހަރާގެ ފިނި ކޮށާރުގައި ގަބުރު ފިނިކޮށްފައި ބޭއްވުމަށް ކޮންމެ ދުވަހަކަށް ބޮޑު ހަރަދެއް ހިނގަ އެވެ.