01 Dec 2011, 09:50
ޤާހިރާ (ޑިސެމްބަރ 1) : މިސްރުގައި މިހާރު ގުނަމުން ގެންދާ އެޤައުމުގެ ޕާލަމެންޓްރީ އިންތިޚާބުގެ ފުރަތަމަބުރުގެ ވޯޓުކަރުދާސްތަކުގެ ނަތީޖާ ދައްކާގޮތުން އެޤައުމުގެ އިސްލާމީ ޚިޔާލުގެ އިޚްވާނުލްމުސްލިމީން ޖަމާޢަތުގެ ސިޔާސީ ގޮފި ކަމަށްވާ ފްރީޑަމް އެންޑް ޑިވެލޮޕްމެންޓް ޕާޓީ ބޮޑުތަފާތަކުން ކުރިހޯދަމުން ގެންދާކަމަށް ޚަބަރުލިބިއްޖެވެ.
ވޯޓުގުނުމުގައި ޙަރަކާތްތެރިވާ އިންތިޚާބާބެހޭ މަސްއޫލުވެރިންނާ ޙަވާލާދީ މިސްރުގެ މީޑިޔާ ބުނިގޮތުގައި މިހާތަނަށް ގުނިފައިވާ ވޯޓުތަކުގެ 40% ހޯދާފައިވަނީ އިޚްވާނުލްމުސްލިމީން ޖަމާއަތުގެ ޕާޓީ ކަމަށްވާ ފްރީޑަމް އެންޑް ޑިވެލޮޕްމެންޓް ޕާޓީއެވެ. ތިންބުރެއްގެ މަތިން ބޭއްވުމަށް ހަމަޖެހިފައިވާ މިސްރުގެ ޕާލަމެންޓްރީ އިންތިޚާބުގެ ފުރަތަމަބުރުގައި ވޯޓުލާފައިވަނީ އާރބަން ސަރަޙައްދުތަކުގައި ހިމެނޭ ޤާހިރާއާއި އިސްކަންދަރިއްޔާފަދަ ބޮޑެތި ސިޓީތަކުގައެވެ.
އިންތިޚާބާބެހޭ މަސްއޫލުވެރިން ހާމަކުރައްވާގޮތުގައި އިޚްވާނުލްމުސްލިމީން އާ އެންމެ ގާތުންވާދަކުރާ ޕާޓީއަކީ ކުތްލާ ޕާޓީއެވެ. އެޕާޓީއަށް 15% މިހާތަނަށް ލިބިފައިވާއިރު އިސްލާމީ ޚިޔާލުގެ އެހެންޕާޓީއެއް ކަމަށްވާ ސަލަފީންގެ އައްނޫރު ޕާޓީއަށް ލިބިފައިވަނީ 8% އެވެ. އަދި މިސްރުގެ ވަރަށް ޤަދީމީ ސިޔާސީ ޕާޓީއެއް ކަމަށްވާ އަލްވަފްދު ޕާޓީއަށް ލިބިފައިވަނީ 5% އެވެ. ބާކީ ވޯޓުތައްވަނީ އެކިޕާޓީތަކުގެ މެދުގައާއި މުސްތަޤިއްލު ކެންޑިޑޭޓުންގެ މެދުގައި ބެހިފައެވެ.
މިއިންތިޚާބުގައި 50 ޕާޓީއަކުންނާއި އެތަށް ސަތޭކަ މުސްތަޤިއްލު ކެންޑިޑޭޓުން ބައިވެރިވެ ވާދަކުރަމުން ގެންދެއެވެ.
މިސްރުގެ އިންތިޚާބުގެ ވޯޓުކަރުދާސްތައް ގުނަމުން ގެންދަނީ ފަނޑިޔާރުންގެ ޖަމްޢިއްޔާގެ ވެރިޔާ އަހްމަދު އަލްޖުންދީއާއި އޭނާގެ ޓީމްގެ ބެއްލެވުމުގެ ދަށުންކަމަށް އިންތިޚާބާބެހޭ އިދާރާއިން ބުނެއެވެ. މިސްރުގައި މިހާރުކުރިޔަށްދާ ބަރުލަމާނީ އިންތިޚާބަކީ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަން ވައްޓާލުމަށްފަހު ޑިމޮކްރެޓިކް ނިޒާމަކަށް މިސްރުގެ ވެރިކަން ބަދަލުކުރުމަށްޓަކައި ބާއްވާ ފުރަތަމަ މިނިވަން އިންތިޚާބެވެ. (އަލްއަހްރާމް+އަލްޖަޒީރާ)