16 Jan 2020, 09:52
ވޮޝިންޓަން: އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރުމަށްޓަކައި އޭނާގެ މައްޗަށް ކުރާ ދެ ތުހުމަތާ ގުޅޭ ރަސްމީ ލިޔުންތައް ނުވަތަ "އާޓިކަލްސް އޮފް އިމްޕީޗްމެންޓް"ގައި ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ރައީސާ ނެންސީ ޕެލޯސީ ސޮއިކުރައްވައި، އެ މައްސަލަ ސެނެޓަށް ފޮނުވައިފިއެވެ.
ރައީސް ޓްރަމްޕް އިމްޕީޗުކުރުމަށް ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ފާސްކޮށްފައިވާ އިރު، ޓްރަމްޕް މަގާމުން އަޒުލުކުރެވޭނީ ސެނެޓުންވެސް އެގޮތަށް ފާސްވުމުންނެވެ.
ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ޖާސޫސީ ކަންކަމާ ބެހޭ ކޮމިޓީގެ މުގައްރިރު އެޑަމް ޝިޕްވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، އެ ހައުސްގެ ޕްރޮސެކިއުޝަން ޓީމުގެ ހަތް މެމްބަރުން ވަނީ އާޓިކަލް އޮފް އިމްޕީޗްމަންޓް ސެނެޓުގެ ރައީށް ޗާލްސް ގްރޭސްލީއާ ހަވާލުކޮށްފައެވެ.
ޓްރަމްޕް މަގާމުން ދުރުކުރުމާބެހޭ "އާޓިކަލް އޮފް އިމްޕީޗްމަންޓް" ދެ މައްސަލައެއް ހިމެނެއެވެ. ފުރަތަމަ މައްސަލައަކީ އެމެރިކާގެ ދާޚިލީ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރާފަދަ ކަމެއް ކުރެއްވުމަށް ޔުކްރޭންގެ ރައީސް ވްލަޑިމީރު ޒެލެނެސްކީގެ އަރިހުން ޓްރަމްޕް އެދިވަޑައިގެންނެވި މައްސަލައެވެ. އަދި ދެވަނަ މައްސަލައަކީ ޓްރަމްޕާ ދެކޮޅަށް ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ސަބްކޮމިޓީތަކުން ކުރި ތަހުގީގުތަކަށް ޓްރަމްޕް ހުރަސްއެޅުއްވި ކަމުގެ ތުހުމަތެވެ. މިއީވެސް އެމެރިކާގެ ރައީސްގެ ހައްސިއްޔަތުން ޓްރަމްޕަށް ލިބިފައިވާ ގާނޫނީ ބާރާއި ނުފޫޒު ނަހަމަގޮތުގައި ބޭނުން ކުރެއްވުމުގެ އަމަލެއްކަން ތަހުގީގުތަކުން ސާބިތުވާކަމަށް "އާޓިކަލް އޮފް އިމްޕީޗްމަންޓް" ގައި ފާހަގަކޮށްފައިވެއެވެ.
ސެނެޓުން ކުރާނީ މި ދެ މައްސަލައިގެ ތުހުމަތުތައް ޓްރަމްޕްގެ މައްޗަށް ސާބިތުވޭތޯ ބެލުމުގެ މަސައްކަތެވެ. މިކަމަށްޓަކައި ފަނޑިޔާރުންގެ ކޮމިޓީއެއް އެކުލަވާލަންޖެހޭއިރު އެ ކޮމިޓީގެ ވެރިއަކަށް ހުންނަވާނީ އެމެރިކާގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސްއެވެ. ފަނޑިޔާރުންގެ މި ކޮމިޓީ އެކުލަވާލެވޭނީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ އަގުލަބިއްޔަތު އޮންނަ ސެނެޓްގައި ހިމެނޭ 100 މެންބަރުންގެ ތެރެއިން މަދުވެގެން 67 މެންބަރުން އެކަމަށް ތާއީދު ކުރައްވައިގެންނެވެ.
"އާޓިކަލް އޮފް އިމްޕީޗްމަންޓް" ބެހޭގޮތުން މެންބަރުން ދެކޭގޮތް ބެލުމަށްޓަކައި ސެނެޓުގެ ތަޅުމަށް އެ ލިޔުން ހުށަހަޅާނެކަމަށް ސެނެޓްގެ ރައީސް ޗާލްސް ގްރޭސްލީ ވަނީ ވިދާޅުވެފައެވެ. ގްރޭސްލީއަކީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ މެންބަރެކެވެ. ނަމަވެސް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގައި އާދަޔާ ޚިލާފަށް އުފެދިފައިވާ ޕާޓީ ރޫޙާއި ޕާޓީ ފިތްނައިގެ ސަބަބުން ސެނެޓްގައި ތިއްބެވި ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ ވިސްނުންހުރީ ގާނޫނާއި ގަވައިދަށް ބެލުމެއްނެތި ހަމައެކަނި ޕާޓީގެ ރޫހަށް ރިއާޔަތް ކުރައްވާފަދަ ގޮތަކަށްކަން އެބޭފުޅުންގެ ވާހަކަތަކުންވަނީ ހާމަވެފައެވެ.
މިގޮތުން ސެނެޓްގައި ތިއްބެވި ރިޕަބްލިކަން ޕާޓީގެ ގިނަ މެންބަރުން ހަގީގަތަށް ބެލުމެއްނެތި ޓްރަމްޕް ދިފާއު ކުރައްވާނެކަމަށް ބެލެވިފައިވާތީ ޓްރަމްޕްގެ މައްޗަށް ކުރެވިފައިވާ މި ދެ ތުހުމަތު ތަހުގީގުކޮށް ބެލުމަށް ބޭނުންވާ ފަނޑިޔާރުންގެ ކޮމިޓީ އެކުލަވާލުމަށް ބޭނުންވާ ތިންބައިކުޅަ ދެބައި އަޣްލަބިއްޔަތު ސެނެޓުން ލިބުމުގެ ފުރުސަތު ނޯންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންވެއްޖެނަމަ ޓްރަމްޕް އެމެރިކާގެ ގާނޫނާ ޚިލާފުވެވަޑައިގެންފައި ވީނަމަވެސް އޭނާ މަގާމުން ދުރެއް ނުކުރެވޭނެއެވެ. ސަބަބަކީ ޓްރަމްޕްގެ މައްޗަށް ކުރެވިފައިވާ ދެ ތުހުމަތު ސައްހަ ތޯ ނުވަތަ ނޫންތޯ ބެލުމަށްޓަކައި ފަނޑިޔާރުންގެ ކޮމިޓީ އެކުލަވާނުލެވޭނެތީއެވެ.
"އާޓިކަލް އޮފް އިންޕީޗްމެންޓް" ގައި ސޮއިކުރެއްވުމަށްފަހު ބޭއްވި ނޫސްކޮނަފްރެންސްގައި ހައުސްގެ ސްޕީކާ ނެންސީ ޕެލޯސީ ވިދާޅުވީ ޓްރަމްޕްގެ މައްޗަށް ކުށްސާބިތުވާ ކަމަށާ ނަމަވެސް އޭނާ މަގާމުން ދުރުކުރުމާއި ނުކުރުން އޮތީ ސެނެޓްގެ އަތްމަތީގައި ކަމުގައެވެ. ޓްރަމްޕް މަގާމުން ދުރުކުރުމާބެހޭ ޝަރީއަތުގައި ޕްރޮސެކިއުޓަރުންގެ ޓީމުގެ ކަންތައް ބަލަހައްޓާނީ ހައުސްގެ ޖާސޫސީ ކަންތައްތަކާބެހޭ ކޮމިޓީގެ މުގައްރިރު އެޑަމް ޝިފް ކަމަށްވެސް ޕެލޯސީ ވިދާޅުވިއެވެ.
(ނޫސްއެޖެންސީތައް)