ބާވީސް ވަނަ ޤައުމީ ކެރަމް މުބާރާތުގެ ޕްރިމިއާ ޑިވިޝަން ފިރިހެން ސިންގަލްސް ފައިނަލް އިއްޔެ ހަވީރު ނިންމާލައިފިއެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ފައިނަލް މެޗު ހުސެން ނީޝާމާއި ދެކޮޅަށް ކުޅެ ދެ ސެޓު އެއް ސެޓުން ކާމިޔާބުކޮށްގެ ޗެމްޕިއަންކަން ހޯދީ އެންމެ ފަހުގެ ޤައުމީ ޗެމްޕިއަން ހަސަން ނާޒިމެވެ. ޕްރިމިއާ ޑިވިޝަން އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ އައިޝަތް ފައިނާޒެވެ.


މުޅި މުބާރާތުން އެންމެ އައުޓްސްޓޭންޑިން ކުޅުމެއް ދެއްކި ކުޅުންތެރިއަކަން އައިމިނަތް ވިދާދު ހޮވިފައިވާއިރު އެންމެ އުއްމީދީ ފިރިހެން ކުޅުންތެރިއަކަށް ހޮވުނީ ޔަމާން އަބްދުލް ޖަލީލް އެވެ. އަދި އެންމެ އުއްމީދީ އަންހެން ކުޅުންތެރިއަކަށް ހޮވުނީ މަރިޔަމް ނަދާ އިބްރާހިމްއެވެ.

މި މުބާރާތުގެ ޕްރިމިއާ ޑިވިޝަން ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހަސަން ނާޒިމާއި ހުސެއިން ނީޝާމް ހޯދިއިރު އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އައިމިނަތް ވިޝާމާއާއި އައިޝަތް ޝަޒްނާއެވެ. މިކްސްޑް ޑަބަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ ހުސެއިން ނީޝާމާއި އައިމިނަތް ވިޝާމާއެވެ.

ޕްރިމިއާ ޑިވިޝަން ޓީމް އިވެންޓުގެ އަންހެން އަދި ފިރިހެން ޗެމްޕިއަންކަން ވެސް ހޯދާފައިވަނީ އޯސަމް ކެރަމް ކްލަބެވެ. ސެކަން ޑިވިޝަން ފިރިހެން ސިންގަލް ޗެމްޕިއަންކަން ހޯދާފައިވަނީ އަހްމަދު ޖަލާލް އަލީއެވެ. މިބައިން އަންހެން ޗެމްޕިއަންކަން ހޯދީ މަރިޔަމް ހަޝްމާއެވެ.