އިސްލާމް އާބާދް (ޑިސެމްބަރ 1) : މިދިޔަ ހޮނިހިރު ދުވަހު ނޭޓޯއިން ޕާކިސްތާނަށް ޙަމަލާދީ ޕާކިސްތާން ސިފައިންގެ 25 މީހަކު މަރާލީ ގަސްދުގައި ކަމަށާއި މިއީ ޕާކިސްތާނާ ދެކޮޅަށް ނޭޓޯއިން ހިންގި ފާޅުކަންބޮޑު ޢުދުވާނެއް ކަމަށް ޕާކިސްތާން ސިފައިންގެ ލަޝްކަރުތަކުން ސިފަކޮށްފިއެވެ.

ޕާކިސްތާން ސިފައިންގެ ޢަސްކަރީ އޮޕަރޭޝަންތަކާބެހޭ ކޮމާންޑަރު ޖެނެރަލް އަޝްފާޤް ނަދީމް ވިދާޅުވީ ނޭޓޯއިން ޕާކިސްތާނުގެ ބިމަށް ޙަމަލާދޭން ފެށުމުން ޙަމަލާދެނީ ޕާކިސްތާނުގެ ބިމަށްކަން ހަނދާންކޮށްދީ ޙަމަލާތައް ހުއްޓާލުމަށް އެދި ނޭޓޯއަށް ތަކުރާރުކޮށް އިލްތިމާސްކުރުމުންވެސް ޙަމަލާތައް ހުއްޓާލާފައިނުވާ ކަމުގައެވެ. އެންމެފަހުން ނޭޓޯއިން ޙަމަލާތައް ހުއްޓާލީ ޕާކިސްތާން ސިފައިންގެ 25 މީހުން މަރާލުމަށްފަހުގައި ކަމަށްވެސް ޖެނެރަލް އަޝްފާޤް ނަދީމް ވިދާޅުވިއެވެ.

އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ނޭޓޯގެ ޢަސްކަރީ ހެލިކޮޕްޓަރަކުން މިދިޔަ ހޮނިހިރު ދުވަހު ޕާކިސްތާނަށް ޙަމަލާދީ ޕާކިސްތާން ސިފައިންގެ 25 މީހަކު މަރާލައި 14 މީހަކު ޒަޚަމްކޮށްލުމުން ޕާކިސްތާނުންވަނީ ނޭޓޯގެ ސަޕްލައިތައް ހިފަހައްޓައި ނޭޓޯގެ ސަޕްލައިގެ މަގުތައް ބަންދުކޮށްފައެވެ. އަދި ޕާކިސްތާނުގެ ކަންކޮޅުތަކުގައި ރައްޔިތުން ގެންދަނީ ނޭޓޯއާދެކޮޅަށް މުޒާހަރާކޮށް ޕާކިސްތާނުން ނޭޓޯއަށްދޭ އެއްބާރުލުން މުޅިން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީވަނީ ނޭޓޯގެ ޢަމަލުތައް މިހާހަރުކަށިކޮށް ހުންނައިރު ނޭޓޯއަށް އެއްބާރުލުން ދިނުމަކީ ވެރިކަންކުރާ ޕީޕަލްސް ޕާޓީއަށް ރައްޔިތުންގެ ތާއީދު ގެއްލި އިންތިޚާބުގައި ނާކާމިޔާބީ ކުރިމަތިވެދާނެ ކަމަކަށްވާތީ ނޭޓޯއާއި ޕާކިސްތާނުގެ ގުޅުންތައް އަލުން މުރާޖަޢާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ނޭޓޯއިންވަނީ އެޖަމާއަތުގެ ޙަމަލާއެއްގައި ޕާކިސްތާން ސިފައިންގެ 25 މީހުން މަރުވި ކަމަށް އެއްބަސްވެ މިކަމާމެދު ދެރަވާކަން ހާމަކޮށްފައެވެ. ނަމަވެސް މިމައްސަލާގައި ރަސްމީގޮތުން ޕާކިސްތާން ކިބައިން ނޭޓޯ މަޢާފަށް އެދިފައެއް ނުވެއެވެ. ނޭޓޯއިން ޕާކިސްތާން ސިފައިންގެ 25 މީހަކު މަރާލުމާގުޅިގެން ޕާކިސްތާނުގެ ރުޅިމަތަކޮށް ޕާކިސްތާނުގެ ރުހުން އަލުން ހޯދުމަށް ނޭޓޯ ގެންދަނީ މަސައްކަތް ކުރަމުންނެވެ. (އަލްޖަޒީރާ)