15 Jan 2020, 18:01
ނިއުދިއްލީ (15 ޖަނަވަރީ 2020) : ގަލްފުގެ ހުރިހާ ގައުމުތަކެއް ގުޅިގެން އެސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މެކޭނިޒަމެއް އެކުލަވާލުމަށް ގޮވާލައި ރަޝިއާގެ ޚާރިޖީ ވަޒީރު "ރައިޒީނާ ޑައިލޮގް" ގައި ވާހަކަ ދައްކަވައިފިއެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިޔަށްދާ އަމަނާބެހެ ފޯރަމެއްކަމަށްވާ "ރައިޒީނާ ޑައިލޮގް 2020" ގައި ވާހަކަ ދައްކަވަމުން ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވިދާޅުވީ ގަލްފުގެ ހުރިހާ ގައުމުތަކެއް ގުޅިގެން އެސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މެކޭނިޒަމެއް އެކުލަވާލުމަށް ގަލްފުގެ އަރަބި ގައުމުތަކުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށާ އެފަދަ މެކޭނިޒަމެއް އެކުލާލެވިއްޖެނަމަ ގަލްފުގެ ހުރިހާ ގައުމުތަކެއްގެ މެދުގައި އިތުބާރު އުފެދި ގަލްފުގެ އަރަބި ގައުމުތަކާއި އީރާނާދެމެދު އޮންނަ ނުތަނަވަސްކަން ކުޑަވެގެންދާނެކަމުގައެވެ.
ރަޝިއާއަކީ ގަލްފުގެ ސަރަހައްދާ ގުޅުންނެތް އެމެރިކާއާއި ޔޫރަޕްގެ ބާރުތައް ގަލްފަށް ވެއްދުމަށް ގަލްފުގެ އަރަބި ގައުމުތަކުން ގެންގުޅޭ ސިޔާސަތުތަކާ އިދިކޮޅު ގައުމެކެވެ. ގަލްފުގައި އަމަންއަމާންކަން ގާއިމް ކުރުމުގެ ނަމުގައި ގަލްފުގެ އަރަބި ގައުމުތަކުގެ އެއްބާރުލުމާއެކު އެމެރިކާއިން އަސްކަރީގޮތުން ގަލްފަށްވަންނަނީ ގަލްފުގެ ތެލަށް ބަރޯސާވާ ޗައިނާއަށް ފިއްތުންތައް ކުރިމަތިކުރުމުގެ ދުރުމުއްދަތުގެ ޕްލޭނެއްގެ ދަށުންކަމަށް މުހައްލިލުން ދެކެއެވެ. މީގެއިތުރުން އީރާނަށް ޖެއްސުން ކުރުމާއި ފިއްތުންތައް ކުރިމަތި ކުރުމަކީވެސް އެމެރިކާއިން ގަލްފުގެ އަރަބި ގައުމުތަކުގައި އަސްކަރީ ބޭސްތައް ބިނާކޮށް ގަލްފަށް ހަނގުރާމަމަތީ މަނަވަރުތައް ފޮނުވުމުގެ ބޭނުމެއްކަމަށް އެފަރާތްތަކުން ބުނެއެވެ.

ޖިއޮޕޮލިޓިކަލް އަދި ޖިއޮއިކޮނޮމިކް ފޯރަމެއްގެ ގޮތުގައި ނިއުދިއްލީގައި އިއްޔެ ފެށި "ރައިޒީނާ ޑައިލޮގް 2020" ގައި އީރާނާއި ރަޝިޔާގެ ޚާރިޖީވަޒީރުންނާއެކު 13 ގައުމެއްގެ ޚާރިޖީ ވަޒީރުން ބައިވެރިވެ ވަޑައިގަންނަވައެވެ. "ރައިޒީނާ ޑައިލޮގް 2020" އަކީ ރައިޒީނާ ފޯރަމްގައި ހިމެނޭ 5 ވަނަ ފޯރަމެވެ. ޖަނަވަރީ 14 އިން 16 އަށް ކުރިޔަށްދާ މި ފޯރަމްގައި ގަލްފާއި ދެކުނު އޭޝިއާއި މެދުތެރޭ އޭޝިޔާ ފަދަ ސަރަހައްދުތަކަށް ކުރިމަތިވާ އަމަނާބެހޭ މައްސަލަތަކާބެހޭގޮތުން ފުޅާދާއިރާއެއްގައި ޚިޔާލުބަދަލުކޮށް މަޝްވަރާ ކުރުމަށްވަނީ ހަމަޖެހިފައެވެ.
ރަޝިއާއި ޗައިނާ މިދިޔަ ޑިސެމްބަރުމަހުވަނީ ގަލްފުގެ ކައިރީގައިވާ އޮމާން ކަނޑުއޮޅީގައި އީރާނާއެކު އަސްކަރީ ތަމްރީންތަކެއް ކުރިޔަށް ގެންގޮސްފައެވެ. މިއީ އީރާނާ ގުޅިގެން އެދެގައުމުން ގަލްފުގެ ކައިރީގައި ބޭއްވި އަސްކަރީ ފުރަތަމަ ތަމްރީންތަކެވެ. އެމެރިކާއިން މިތަމްރީންތަކާމެދު ޝައްކުގެ ނަޒަރަކުން ބަލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ ގަލްފުގެ ތެލަށް ޗައިނާ ބަރޯސާވާންޖެހިފައިވާތީ އެމެރިކާ ބޭނުންހާ ގޮތެއް ހަދަން ގަލްފް ދޫކޮށްނުލާނެކަމުގެ މެސެޖް އެމެރިކާއަށް ދިނުމުގެ ގޮތުން އީރާނާ ގުޅިގެން ޗައިނާއާޢި ރަޝިއާއިން ބޭއްވި ތަމްރީންތަކެއްކަމަށް ވަނީ ބެލެވިފައެވެ.
ގަލްފުގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ޗައިނާއަށް ތެޔޮފޯރުކޮށްދެނީ އިރާގުންނެވެ. ދެން އީރާނުންނެވެ. އިރާގުންވަނީ އެގައުމުގެ ތެލުގެ ސިނާއަތުގައި ޗައިނާގެ ކުންފުނިތަކަށް ވަރަށްބޮޑެތި ކޮންޓްރަކްޓްތަކެއް ދީފައެވެ. އެމެރިކާއިން އިރާގުގެ އެތެރޭގައި އެކިނަންނަމުގައި ގަޑުބަޑު އުފައްދަން މަސައްކަތްކުރާ އެއްސަބަބަކީވެސް މިއީ ކަމަށް ރިޕޯޓްތައް ބުނެއެވެ. (ރޮއިޓާސް + ނޫސްއެޖެންސީތައް)